ސްރީލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރާނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން ފެނުނު ބޮން މިހާރު ކާމިޔާބު ކަމާއެކު ޑިފިއުޒް ކޮށްލާފައި ވާކަމަށް ސްރީލަންކާ ފުލުހުން ހާމަކޮށްފިއެވެ.
ބަޔަކު އަމިއްލައަށް ތައްޔާރުކޮށްފައިވާ މި ބޮން ފެނުނީ މައި ޓާމިނަލަށް ދެވެން އޮންނަ މައި މަގުން ކަމަށް ޚަބަރު ލިބެއެވެ. ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް، ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކަކާއެކު މި މަގަކީ އަދިވެސް އާންމުކޮށް ހުޅުވާލާފައިވާ މަގެކެވެ. ކުރިންވެސް ޝެޑިއުލްކޮށްފައި އޮތް ގޮތަށް، ފަތިހު 06:00 ގައި ކާފިއު ވަނީ ބާތިލުކޮށްފައެވެ.
ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 290 އަށް ވުރެ މައްޗަށް އަރާފައިވާ 500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.
ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުންދާ ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ 10 ހަމަލާއެއް ދީފައި ވާއިރު، މި ހަމަލާތަކާ ގުޅިގެން މިހާރު 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރު ވިދާޅުވީ ހަމަލާދޭ މީހުންނާ ހަތިޔާރު ކޮލަމްބޯއަށް އެތެރުކުރުމަށް ބޭނުންކުރި ވެހިކަލްއާއި، ރައްކަލުގެ "ކިއްލާ"އެއްގެ ގޮތުގައި ހަމަލާ ދިން ފަރާތްތަކުން ބޭނުން ކުރަމުން ދިޔަ ގެއެއްވެސް ކަމާބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
އާދީއްތަ ދުވަހު ބޮމުގެ ހަމަލާ އެންމެ ފުރަތަމަ ދީފައިވަނީ ލަންކާ ގަޑިން ހެނދުނު 08:45 ހާއިރު ނިގެންބޯގެ ސެއިންޓް ސާބޭޝިއަން ޗާޗުގައެވެ. އޭގެ ފަހުން ޝަންގްރިއްލާ ހޮޓެލް، ސެއިންޓް އެންތަނީ ޝްރައިން، ދަ ކިންގްސްބަރީ ހޮޓެލް، ދަ ސިނަމަން ގްރޭންޑް ހޮޓެލް، އަދި ބަޓިކަލޯއާގެ ޒިއޯން ޗާޗުގައިވެސް ބޮމުގެ ހަމަލާތައް ދިނެވެ. ހަމަލާތައް ހުއްޓުމަކަށް އައީކަމަށް ހިތާ ހިސާބެއްގެ ހަމަޖެހުމުގެ ނޭވާއެއް ލުމާއެކުހެން އަނެއްކާވެސް ބޮމުގެ ހަމަލާތައް ދޭން ފެށިއެވެ. އެގޮތުން ދެހިވަލަ ޒޫ ކައިރީގައި ހުންނަ ޓްރޮޕިކަލް އިން ހޮޓެލްއާއި ޑެމަޓަގޮޑާގެ އަވަށެއްގައިވެސް ބޮމުގެ ހަމަލާތަކެއް ވަނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ދީފައެވެ.
މި ހަމަލާތަކުގެ ޒިންމާ އިސްލާމުންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާއިރު، ސްރީލަންކާގައި ހަރަކާތްތެރިވާ މުސްލިމު 2 ޖަމާއަތަކުން ވަނީ މި ހަމަލާތައް ކުށްވެރި ކޮށްފައެވެ. އެގޮތުން، ދަ މުސްލިމް ކައުންސިލް އޮފް ސްރީލަންކާއާއި އޯލް ސިލޯން ޖަމީޔަތުން އުލަމާއިން ވަނީ މި ހަމަލާތަކަކީ ބަލައިގަނެވޭނެ ހަމަލާތަކެއް ނޫންކަމަށް ބުނެ، ބަޔާންތައް އާންމުކޮށްފައެވެ.
އާދީއްތަ ދުވަހުގެ ހަމަލާތަކުގައި ސްރީލަންކާގައި ތިބި ބިދޭސީންތަކެއްވެސް ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އިންޑިއާ، ޕޯޗުގަލް، ތުރުކީވިލާތް، އިނގިރޭސިވިލާތް އަދި އެމެރިކާގެ ރަށްވެހިކަން އޮންނަ ބަޔަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. ބިދޭސީ 11 މީހަކަށް ވީ ގޮތެއް އަދިވެސް ކަށަވަރުވެފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާދީއްތަ ދުވަހުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ފުރާނައަށް ނުރައްކާވީ ކަމުގެ އެއްވެސް ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.