ސޫދާންގައި ވަގުތީ ގޮތުން ވެރިކަން ކުރަމުން އަންނަ އަސްކަރީ ކައުންސިލާ ގުޅުން ކަނޑާލާފައި ވާކަމަށް ސޫދާންގައި މުޒާހަރާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ލީޑަރުން ބުނެފިއެވެ.

1989 ވަނަ އަހަރުން ފެށިގެން ސޫދާންގައި ވެރިކަން ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމަށްފަހު ވަގުތީ ގޮތުން ސޫދާންގެ ވެރިކަމާ ހަވާލުވެފައިވާ އަސްކަރީ ކައުންސިލާ މުޒާހަރާގެ ލީޑަރުން ގުޅުން ކަނޑާލާފައިވަނީ، އަސްކަރީ ކައުންސިލަކީވެސް އުމަރު އަލް ބަޝީރުގެ ސަރުކާރުގެ ބައެއް ކަމަށް ބުނުމަށް ފަހުގައެވެ.

އެތައް ހާސް ރައްޔިތުންނެއް ވަނީ ސޫދާންގެ ވެރިރަށް ޚާރުތޫމްގައި ހުންނަ އަސްކަރިއްޔާގެ ހެޑްކުއާޓާޒް ކައިރިއަށް ޖަމާވެފައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ސޫދާންގެ ވެރިކަން، ރައްޔިތުންގެ މަދަނީ ކައުންސިލަކަށް ބަދަލު ކުރުމަށެވެ. އަދި ގައުމުގެ ވެރިކަން ބޭނުންވަނީ މަދަނީ ކައުންސިލުން ކަމަށްވެސް ރައްޔިތުން ވަނީ ގޮވާފައެވެ.

ސޫދާންގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ވެރިކަން ހިންގުމުގައި ދެމި އޮންނާނެ ކަމަށާ، އަސްކަރިއްޔާއާއި މަދަނީ ބާރުތަކުގެ ގުޅިފައިވާ ކައުންސިލެއް އެކުލަވާލުމާ މެދު ވިސްނާނެ ކަމަށެވެ.

ނަމަވެސް ސޫދާންގައި ކުރިއަށްދާ މުޒާހަރާތަކުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކި މުޙައްމަދު އަލް އަމީނު ބުނީ، އަސްކަރީ ކައުންސިލަކީ ބަޝީރުގެ ސަރުކާރުގެ މުއްދަތު އިތުރަށް ދެމިގެން ދިއުން ކަމަށެވެ. އަދި މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް އަމީން ވަނީ ދީފައެވެ.

ސޫދާންގައި ކުރިއަށްދާ މުޒާހަރާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ސިއްހީ ހިދުމަތްތެރިންނާ، ޑޮކްޓަރުންގެ އިތުރުން ގާނޫނީ ވަކީލުންގެ ޓީމަކުންނެވެ.