އާދީއްތަ ދުވަހު ޔޫކްރައިންގައި ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓު، ކޮމީޑިއަން ވްލޮޑިމީރް ޒެލެންސްކީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ޒެލެންސްކީއަށް ވަނީ ވޯޓުލީ މީހުންގެ %70 ގެ ތާއީދު ކަށަވަރުވެފައެވެ.
އާދީއްތަ ދުވަހުގެ ވޯޓު، އުމުރުން 41 އަހަރުގެ ޒެލެންސްކީ ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ރައީސް ޕެޓްރީ ޕްރޮޝެންކޯއާއި ވާދަކޮށްގެންނެވެ.
ޕްރޮޝެންކޯ މިހާރުވަނީ އިންތިހާބުގެ ބަލި ގަބޫލުކުރައްވާފައެވެ.
ވަގުތީ ނަތީޖާއަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ރައްޔިތުން ކަރު އެލުވާލަން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާނެ ކަމަށެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކާ މުހާތަބު ކުރައްވާ ޒެލެންސްކީ ވިދާޅުވީ، ކޮންމެ ކަމަކީވެސް ހަމަ ވެދާނެ ކަމެއްކަން ސާބިތުކޮށްދެވިއްޖެ ކަމަށެވެ.
ޒެލެންސްކީ މަޝްހޫރުވެފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ހެއްވާ މަޖާ ސިޔާސީ ކޮމިޑީ ސީރީޒް "ސާވަންޓް އޮފް ދަ ޕީޕަލް" އިންނެވެ. އެ ސީރީޒްގައި ޒެލެންސްކީ އަދާކޮށްފައިވަނީ ޔޫކްރައިންގެ ރައީސްގެ ރޯލެވެ.
ޒެލެންސްކީއަކީ އެއްވެސް ވަރަކަށް ސިޔާސީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫން ނަމަވެސް، ޒެލެންސްކީގެ "ނުރަސްމީ" މިޒާޖާ، ޔޫކްރައިންގެ ސިޔާސީ މަސްރަހު "ސާފުކުރައްވާނެ" ކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްޔިތުން އިތުބާރު ކުރީ ކަމަށް ސިޔާސީ މުރާސިލުން ދަނީ ބުނަމުންނެވެ.
ޒެލެންސްކީއާއި ދެކޮޅު ފަރާތްތަކުން ދަނީ އޭނާއާއި މަހުޖަނަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއި ދެކޮޅަށް ޒެލެންސްކީއަށް ތެދުވެވަޑައިގެންނެވޭނެ ކަމާ މެދުވެސް އެފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
ޕްރޮޝެންކޯ ވަނީ ރިޔާސަތު ދޫކޮށްލެއްވި ނަމަވެސް، ސިޔާސީ މައިދާން ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.