މިއަދު ހެނދުނު 8:30 ހާއިރުން ފެށިގެން އަވައްޓެރި ސްރީލަންކާގެ ކޮލަންބޯގެ އެކި ސަރަހައްދުތަކުގައި ދޭންފެށި ބޮމުގެ ހަމަލާތަކުން މުޅި ލަންކާ ސިއްސުވާލިއެވެ.

ހެނދުނުއްސުރެ ފެށިގެން ކޮލަންބޯގެ 10 ސަރަހައްދެއްގައި ބޮމުގެ ހަމަލާތައް ދީފައި ވެއެވެ. އެ ގޮތުން، ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް، ބައްޓިކަލޯ ޗާޗް، ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ޝަންގްރިލާ ހޮޓެލް ގައި ހަމަލާތައް ދީފައި ވެއެވެ. އަދި ގިނައަދަދަކަށް ދިވެހިން އުޅޭ ސަރަހައްދެއް ކަމަށްވާ ދެހިވެލައިގެ ޒޫގެ ކައިރީގައިވެސް ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. ކޮލަންބޯގައި މިއަދު އެންމެފަހުން ބޮމެއް ގޮއްވާލާފައިވަނީ ޑެމަޓަގޮޑާގައެވެ. އެއީ މިއަދު މެންދުރުފަހު 14:30 ހާއިރުއެެވެ.

މިއަދުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 215 އަށް އަރާކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ. އަދި 470 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވެއެވެ. މިއަދުގެ ހަމަލާތަކުގައި ލަންކާގައި ދިރިއުޅޭ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހޮސްޕިޓަލުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ލަންކާގެ ނޭޝަނަލް ހޮސްޕިޓަލުގައި 66 މީހަކު މަރުވެފައި ވާކަމަށާއި އަނިޔާ ލިބުނު 260 މީހަކަށް ފަރުވާދީފައި ވާކަމަށް އެ ހޮސްޕިޓަލިން ބުނެއެވެ. އަދި ނިގަންބޯ ހޮސްޕިޓަލުގައި 104 މީހަކު މަރުވެފައިވާއިރު އަނިޔާ ލިބުނު 100 މީހުނަށް ފަރުވާދީފައި ވެއެވެ. ބައްޓިކަލޯ ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ހޮސްޕިޓަލުގައި 28 މީހަކު މަރުވެފައިވެއެވެ. އަދި 51 މީހަކަށް އަނިޔާލިބިގެން ފަރުވާދީފައި ވެއެވެ. ލަންކާގެ ރަގަމަ ހޮސްޕިޓަލުންވެސް ޒަހަމްވި 32 މީހަކަށް ފަރުވާދީފައިވާ އިރު އެ ހޮސްޕިޓަލުގައި 7 މީހަކު މަރުވެފައި ވެއެވެ. އަދި ކަޅުބޯވިލާ ހޮސްޕިޓަލުގައިވެސް 2 މީހަކު މަރުވެފައި ވެއެވެ. ލިބިފައިވާ ޒަހަމްތަކަށް އެ ހޮސްޕިޓަލުން 6 މީހަކު ފާރުވާ ހޯދާފައިވެއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ވަނީ މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާން ކޮށްފައެވެ. ހުރިހާ ސަރުކާރު ސުކޫލުތަކަކާއި ކޮލެޖް، ޔުނިވާސިޓީތައް ވެސް ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ. އަދި ލަންކާގެ ރޭލު ދަތުރުތަކުގެ ހިދުމަތްވެސް މިއަދު ހަވީރު ވަނީ މެދުކަނޑާލާފައެވެ.

މިއަދުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން ހަމަލާތައް ދިން މީހުން އުފުލި ވެހިކަލް ދުއްވި ޑްރައިވަރުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ މިހާރު ހުރި ވެއްލަވައްތަ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ލަންކާ އަށް މިއަދު ދިން ޓެރަރިސްޓް ހަމަލާ ބައިނަލްއަގްުވާމީ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ލަންކާއަށް ކުރިމަތިވެފައިވާ ހިތާމައިގައި ގިނަ ބަޔަކު ބައިވެރިވެ، ލަންކާގެ ރައްޔިތުންނަށާއި ހާއްސަކޮށް ހަނގުރާމައިގައި މަރުވި މީހުންގެ އާއިލާތަކަށް ދަނީ ތައުޒިޔާ ފޮނުވަމުންނެވެ.