ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް (ގައުމީ ބައްދަލުވުން) އާއި އެ ޕާޓީގެ އެކި މަގާމްތަކަށް މީހުން އަންނަ ހުކުރު ދުވަހު ހޮވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

ޕީޕީއެމް ގެއްލިވަޑައިގެންފާނެކަމުގެ ބިރާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެެ ހުންނަވާ އުފައްދަވާފައިވާ ޕީއެންސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 26 މާއްދާގައި ޕާޓީއެއް ރަޖިސްޓްރީވުމާއި ގުޅިގެން ނުވަ މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ގައުމީ ބައްދަލުވުން ބޭއްވުމަށާއި، ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީގެ މަގާމުތަކާއި ދާއިމީ މެންބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމީ ބައްދަލުވުން ބާއްވާ ޕާޓީގެ މަގާމަތަކަށް މެންބަރުން ހޮވަން މަޗްވަރާ މަޖިލީހުން ނިންމާ އަންނަ ހުކުރު ދުވަހު ނިންމާފައިވާކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީންވަނީ ރައީސްގެ އިތުުރުން ދެ ނައިބު ރައީސުންނާއި، މަޝްވަރާ މަޖިލީހަށް 20 މެންބަރުން (ފަސް އަންހެން އަދި 35 އަހަރުން ދަށުގެ ފަސް ޒުވާނުން)، މެންބަރުންގެ ކަންކަން ބަލަހައްޓާ ކޮމިޓީއަށް ފަސް މެންބަރުން، އިސްތިއުނާފް ކޮމިޓީއަށް ތިން މެންބަރުން އަދި އިންތިހާބީ ކޮމިޓީއަށް ފަސް މެންބަރުން އިންތިހާބުކުރުމަށް ނިންމާފައެވެ.

އެ ޕާޓީން ބުނީ މި މަހުގެ 15 ގެ ކުރިން ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ތެރެއިން މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން މާދަމާގެ އިރު އޮއްސި ހައެއްގެ ކުރިން ފޯމް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ޕީއެންސީގެ މިހާރުގެ ވަގުތީ ރައީސް އަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސްކަމަށް ހުންނެވީ ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ އިންތިހާބީ ކެންޑިޑޭޓް މުހައްމަދު ސައީދެވެ.

ޕީއެންސީގެ މަގާމްތަކަށް މެންބަރުން ހޮވަމުން ގައުމީ ބައްދަލުވުމުން ނިންމާފައިވާ އިރު، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ތ. ގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ އައްޔަން ކޮށްފައެވެ. އެ ތިން ބޭފުޅުން ނައިބު ރައީސް ކަމަށް އައްޔަން ކުރީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.