2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޔަމަނުގައި ދާހިލީ ހަނގުރާމަ ފެށިފަހުން މިހާތަނަށް 70000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ޔަމަނުގެ ހަމަނުޖެހުންތަކާ ގުޅޭ ތަފާސް ހިސާބުތައް އެއްކުރަމުން ދާ އެކްލެޑުން ބުނެފިއެވެ.

އެކްލެޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 5 ވަރަކަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް 10000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެކްލޭޑްއިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން، ޔަމަނުގައި ދެމުންދާ ނުރައްކާތެރި ހަމަލާތައް އަދިވެސް ދަނީ އިތުރަށް ވަރުގަދަ ވަމުންނެވެ. ނަމަވެސް އދގެ ސުލްހަ ބަލަހައްޓާ މިޝަންއިން ޔަމަނުގައި ހަރަކާތްތެރިވަމުން ދިއުމާއެކު ހަމަލާތަކުގައި ފުރާނައަށް ނުރައްކާވާ މިންވަރު ދަށްވެފައިވާކަމަށްވެސް އެކްލޭޑުން ވަނީ ފާހަގަކޮށްފައެވެ.

އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު ސީދާ އާންމު ރައްޔިތުންނަށް އަމާޒުކޮށް 3155 ހަމަލާއެއް ދީފައިވާއިރު 7000 އާންމުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އާންމުންނަށް ހަމަލާ ދިނުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ސައުދީ އަރަބިއްޔާ އިސްވެއޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުގެ ކަމަށާ، 2016 ވަނަ އަހަރުން ފެށިގެން އެ ކޯލިޝަނުން ދިން ހަމަލާތަކުގައި އާންމު ރައްޔިތުން 4800އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެސް އެކްލޭޑްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޔަމަނުގެ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.