އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)އަށް ފާރަލާދެމުންދިޔަ ކަމަށް އިއުތިރާފުވި ޖާސުސީ 2 އޮފިސަރަކު ތުރުކީވިލާތުން ހައްޔަރުކޮށްފިއެވެ.

ތުރުކީވިލާތުގެ އިސް އޮފިޝަލަކު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހައްޔަރުކުރެވިފައިވާ މީހުންނާ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި، ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އިހާނެތި ގޮތަކަށް މަރާލި ހާދިސާއާއި މިމީހުންނާ ގުޅުމެއް އޮތްތޯ ބެލުމުގެ ތަހުގީގުތައް ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)އިން ގަބޫލުކުރާ ގޮތުގައި ޚަޝޯގީ މަރާލާފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އޯޑަރަކަށެވެ. ނަމަވެސް ސައުދީއިން ވަނީ މި ތުހުމަތަށް އިންކާރުކޮށްފައެވެ.

ޔޫ.އޭ.އީއަށް ފާރަލާދެމުންދިޔަ ކަމުގެ ތުހުމަތުގައި ތުރުކީވިލާތުން ހައްޔަރުކުރި އެކަކު ހައްޔަރުކޮށްފައިވަނީ 6 މަސްދުވަސް ވަންދެން އޭނާގެ ހަރަކާތްތައް ހުރިކޮށް ތުރުކީވިލާތުން ބެލުމަށްފަހުގައެވެ. ތުރުކީވިލާތުގެ އޮފިޝަލު ތުހުމަތު ކުރައްވާ ގޮތުގައި، އެގައުމުގައި ފާރަލަމުންދާ ބައެއް މީހުންނަކީ، ތުރުކީވިލާތުގައި ދިރިއުޅޭ އަރަބިންނަށް ފާރަލަމުންދާ ބައެއްކަމުގައި ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި އަމިއްލަ ގައުމަށް ފިލައިގެން އުޅޭ މީހުންނަށް ފަރާލުންވެސް ހިމެނޭކަމަށް ތުރުކީވިލާތުގެ އޮފިޝަލު ތުހުމަތު ކުރައްވައެވެ.

ސައުދީގެ ޝާހީ އާއިލާއާއި ސަރުކާރަށް އަމާޒުކޮށް ބޮޑެތި ފާޑުޖިއުންތަކެއް އަމާޒުކޮށް، ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ޖަމާލް ޚަޝޯގީ، ވަރިކައިވެނީގެ ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި ކޮންސިއުލޭޓަށް ދިއުމުން 15 މެމްބަރުންގެ ޑެތް ސްކޮޑަކުން އޭނާ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ. މިމައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ސައުދީއިން ބުނުން ފިޔަވާ، އެއްވެސް އިތުރު ތަފްސީލެއް އެ ގައުމުން ފޯރުކޮށްދީފައެއް ނުވެއެވެ.