ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް އަތުލުމަށް އޭޕްރިލް 4 ވަނަ ދުވަހުން ފެށިގެން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރަށް ފޯނުން ގުޅުއްވާ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވާކަން ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

މި ފޯނުކޯލުގައި، ޓެރަރިޒަމްއާއި ދެކޮޅަށް ޖެނެރަލް ހަފުތާރު ކުރަމުންދާ މަސައްކަތްތަކާ، ލީބިއާގެ މުސްތަގުބަލާ ގުޅިފައިވާ އެ ގައުމުގެ ތެލުގެ މުއްސަނދި ކަން ސަލާމަތްކުރުމަށް ހަފުތާރު ކުރަމުންދާ މަސައްކަތްތައް ޓްރަމްޕް ފާހަގަކުރައްވާފައިވާކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާއަށް އެއްބާރުލުން ދޭ ބައެއް ގައުމުތަކުގެ ނިންމުމާ ޚިލާފަށް، ލީބިއާގެ ހަނގުރާމާގައި ޓްރަމްޕް ޚިޔާރު ކުރައްވާފައިވަނީ ޖެނެރަލް ހަފުތާރުގެ ފަރާތްކަމަށް ސިޔާސީ މުރާސިލުން ދަނީ ބުނަމުންނެވެ.

ތުރުބާލުސްގެ ކޮންޓްރޯލް އަތުލުމަށް މީގެ 3 ހަފުތާއެއްހާ ދުވަސްކުރިން ޖެނެރަލް ހަފުތާރު މަސައްކަތް ފެށިފަހުން މިހާތަނަށް 200އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއާއެކު އދގެ އެއްބާރުލުން ލިބިފައިވާ ބޮޑުވަޒީރު ފަޔާ އަލް ސިރާޖު ވަނީ، ލީބިއާއެކު އެކުވެރި ގައުމުތަކުން ހަނުއޮންނާތީ އެކަން ކުށްވެރި ކުރައްވާފައެވެ.