އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިއާއެކު އިންޑިއާއިން ކުރިއަށް ގެންދިޔަ ވިޔަފާރީގެ މުއާމަލާތްތައް މެދުކަނޑާލައިފިއެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިއާއެކު ކުރިއަށް ގެންދިޔަ ވިޔަފާރީގެ މުއާމަލާތްތައް މެދުކަނޑާލާފައި ވަނީ، މިމަގަކީ ހަތިޔާރާ މަސްތުވާތަކެތި އުފުލާ މަގަކަށް ވެފައި ވާކަމަށް ތުހުމަތުކޮށެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ) ހުރަސްކޮށް ކުރަމުންދިޔަ ވިޔަފާރީގެ މުއާމަލާތްތަކަކީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އިތުރުބާރު އުފެއްދި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ކަމެކެވެ.

ނަމަވެސް ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ޕެރަމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލިދިޔަ ހާދިސާގެ ޒިންމާ ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތަކުން އުފުލި ފަހުން މި ދެގައުމުގެ ގުޅުން ހީނަރުގެ އިތުރަށް ހަތުރުވެރިވެގެން ގޮސްފައެވެ.

އިންޑިއާގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނީ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް، އިންޑިއާގެ ވަގު ފައިސާވެސް ދައުރުކުރަމުން ދާކަމަށެވެ. ނަމަވެސް މިސަރަހައްދަކީ އިހު ޒަމާނުގައި ވިޔަފާރިކޮށް އުޅުނު "ބާޓާ ސިސްޓަމް" ނުވަތަ އެއްޗަކާ އެއްޗެއް ބަދަލުކޮށް ވިޔަފާރި ކުރަމުން ދިޔަ ސަރަހައްދެކެވެ. އިންޑިއާއިން ފޯރުކޮށްދެމުން ދިޔައީ ހަވާދާ މޭވާގެ ބާވަތްތަކެވެ. ބަދަލުގައި ޕާކިސްތާނުން ފޯރުކޮށްދެނީ ނަމާދުކުރާ މުއްސަލައާއި، ކާޕެޓްގެ އިތުރުން ފޭރާމާ ބައެއް ކަހަލަ މޭވާއާއި ފަތްޕިލާވެއްޔެވެ.