ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް އަތުލުމަށް، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތައް ފެށިފަހުން ލީބިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 205 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

ލީބިއާގެ ސަރުކާރުންވަނީ ޖެނެރަލް ޚަލީފާ ހަފުތާރާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. އދއިން އިންވަނީ މިކަން ބަލައިވެސް ގަނެފައެވެ.

ލީބިއާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ މަގުން ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް ޖެނެރަލް ހަފުތާރު އަމުރު ކުރިކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި، ލީބިއާގެ ގުޅިފައިވާ ސަރުކާރުންވަނީ ޖެނެރަލް ހަފުތާރު ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ. ލީބިއާގެ އަސްކަރީ ޕްރޮސެކިއުޓާ ޖެނެރަލް އާންމުކުރެއްވި އަމުރުގައި، ޖެނެރަލް ހަފުތާރާ ގުޅުން އޮންނަ އިތުރު 6 މީހަކު ހައްޔަރުކުރުމަށްވެސްވަނީ ހިމަނާފައެވެ.

ތުރުބާލުސްގެ ކޮންޓްރޯލް ހޯދުމަށް ޖެނެރަލް ހަފުތާރުގެ ކޮމާންޑަރު ކަމުގެ ދަށުން އޭޕްރިލް 4 ވަނަ ދުވަހު ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އާންމުންގެ 18 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން 25000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

ލީބިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ގައްސާން ސަލާމީ ވިދާޅުވީ، ޖެނެރަލް ހަފުތާރުގެ ހަމަލާތަކަށް ބާރު ލިބެނީ، ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ބައިބައިވުންތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ޖެނެރަލް ހަފުތާރާ ސައުދީ އަރަބިއްޔާގެ ސަރުކާރާ ދެމެދު މީގެ ދުވަސްކޮޅެއް މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށާ، ސައުދީއިން ބޮޑު އެހީތެރިކަމެއް ޖެނެރަލް ހަފުތާރަށް ފޯރުކޮށްދީފައިވާކަމަށް ބުނި ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ. ވިލާތަށް ބަލާއިރު ފަރަންސޭސިވިލާތުންވެސް ވަނީ ޖެނެރަލް ހަފުތާރަށް މީގެ ކުރިން ތާއީދުކޮށްފައެވެ.