އަފްޣާނިސްތާނުގެ ސުލްހަޔަށްޓަކައި އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ހަނގުރާމަވެރި ތޯލިބާނު ޖަމާއަތާ ދެމެދު ގަތަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހުނު މަޝްވަރާތަކުގައި ދެ ފަރާތުން ބައިވެރިވާނެ ވަފުދުގައި ހިމެނޭނެ މެމްބަރުންނާ މެދު ދެބަސްވުންތަކެއް އުފެދި، މަޝްވަރާތައް މަޑުޖައްސާލައިފިއެވެ.
މަޝްވަރާތަކުގެ މައި ސްޕޮންސަރުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ގަތަރުގެ ސެންޓާ ފޯ ކޮންފްލިކްޓް އެންޑް ހިއުމަނިޓޭރިއަން ސްޓަޑީޒްގެ ޑައިރެކްޓާ ސުލްތޯން ބަރަކާތު ވިދާޅުވީ، ބައްދަލުވުމުގައި ބައިވެރިވާ މެމްބަރުންނާ މެދު އެއްގަލަކަށް އެރުމަށްޓަކައި މަޝްވަރާތައް މަޑުޖައްސާލަން ކޮންމެހެންވެސް ޖެހިފައިވާކަމަށެވެ.
އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލުންނާ ތޯލިބާނު ހަނގުރާމަވެރިންގެ މަންދޫބުންނާ ދެމެދު ގަތަރުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކުރިން ތާވަލުކޮށްފައި އޮތީ ހުކުރު ދުވަހަށެވެ. މިއީ އެމެރިކާގެ ތާރީހުގައިވެސް އެގައުމުން ކޮށްފައިވާ އެންމެ ދިގު ހަނގުރާމަ ނިންމާ އެމެރިކާގެ އަސްކަރީ ފައުޖުތަށް އަފްޣާނިސްތާނުން މުޅިން ފޭބުމަށްފަހު އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށްޓަކައި އަޅާ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އައި ބައްދަލުވުމެކެވެ.
ހުކުރު ދުވަހަށް ތާވަލުކުރި މަޝްވަރާތަކުގައި ބައިވެރިވަނީ 243 މެމްބަރުންގެ ވަފުދެއް ކަމަށް ގަތަރުން ބުރާސްފަތި ދުވަހު ބުނެފައިވާއިރު، އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވިދާޅުވާ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވަނީ 250 މެމްބަރުންގެ ވަފުދެކެވެ. މިކަމާ ބެހޭ ގޮތުން ތޯލިބާނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ތޯލިބާނުންގެ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޒަބީއުﷲ މުޖާހިދުވަނީ، ސަރުކާރުގެ ވަފުދުގެ ބޮޑުކަމާ މެދު ސުވާލު އުފައްދާފައެވެ. އަދި މިއީ އާދައިގެ ކަމެއް ނޫންކަމަށާ، އެހާ ގިނަ އަދަދެއްގެ މެމްބަރުންނާ މަޝްވަރާކުރުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.
ތޯލިބާނުން މީގެ ކުރިންވެސް ވަނީ އަފްޣާނިސްތާނު ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެފައެވެ.