މިދިޔަ ބުދަ ދުވަހު އިންޑޮނޭޝިއާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފައި ވާކަމަށް، އިންޑޮނޭޝިއާގެ މިހާރުވެސް ރައީސް ޖޯކޯ ވިޑޯޑޯ އިއުލާން ކުރައްވައިފިއެވެ.
މިއިންތިހާބުގައި ވިޑޯޑޯއާއި އެންމެ ގާތުން ރިޔާސަތަށް ވާދަކުރެއްވި ކުރީގެ އަސްކަރީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ ގެންދަވަނީ، އިންތިހާބުގެ ނަތީޖާތަކަށް ގޮންޖައްސަވަމުންނެވެ. ކާމިޔާބު ލިބިވަޑައިގަތީ އޭނާއަށް ކަމަށާ، އިންތިހާބުގައި އޮޅުވާލުންތަކެއް ހިންގާފައި ވާކަމުގެ ހެކި އެބަހުރިކަމަށްވެސް ސުބިއަންޓޯ ވަނީ ވިދާޅުވެފައެވެ.
ވޯޓުގެ ރަސްމީ ނަތީޖާ ލިބޭވަރު ވާނީ އަންނަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ވިޑޯޑޯ އުޅުއްވަނީ ޕޮއިންޓްގެ ގޮތުން ބަލާއިރު ސުބިއަންޓޯއަށްވުރެ 10 ޕަސެންޓް ކުރީގައެވެ.
އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އާންމު މަސްރަހު ވީހާވެސް ހަމަޖެހޭ، އަދި ސުލްހަވެރި ގޮތެއްގައި ބޭއްވުމަށް ގޮވާލާފައެވެ. ހަމަ މިއާއެކު، ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ކުރިމަތިލެވޭނެ ކަމުގެ އިންޒާރުވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
ވޯޓުގެ 54.5 ޕަސެންޓް ކާމިޔާބު ކުރެއްވިފައި ވާކަމަށް ވިޑޯޑޯ ވިދާޅުވާ އިރު، ދުނިޔޭގެ އެކި ހިސާބުތަކުން 20 ވަރަކަށް ގައުމުގެ ލީޑަރުންވެސް މިހާރުވަނީ ވިޑޯޑޯއަށް މަރުހަބާ ދަންނަވާފައެވެ.
އެންމެ ބޮޑު މުސްލިމުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 192866254 މީހުން ތިބިއިރު، 809500 މަރުކަޒުގައި ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގާނޫނު ހަދާ މަޖިލީހާ ޕްރޮވިންޝަނަލް އަދި ޑިސްޓްރިކްޓް ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރުމަށްވެސް ބުދަ ދުވަހު ވަނީ ވޯޓުލާފައެވެ. މިދާއިރާތަކަށް 245000 ކެންޑިޑޭޓަކު ވާދަކުރި އިރު މީގެ 30 ޕަސެންޓް ހާއްސަ ކުރެވެން ޖެހެނީ އަންހެނުންނަށެވެ. ބުދަ ދުވަހުގެ އިންތިހާބަކީ، އިންޑޮނޭޝިއާގެ ތާރިހުގައިވެސް 3 އިންތިހާބެއްގެ ވޯޓުލުން އެއް ވަގުތެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.