އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ރަޝިއާ އާ ދެމެދު ހާއްސަ ގުޅުންތަކެއް އޮންނަ ކަމަށް ކުރަމުންދިޔަ ތުހުމަތުތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ ތަހުގީގު ހިންގެވުމަށް އައްޔަން ކުރައްވާފައި ހުންނެވި ސްޕެޝަލް ކައުންސެލް ރޮބާޓް މުލާ، އެ މަގާމުން ދުރުކުރެއްވުމަށް ޓްރަމްޕް މަސައްކަތްޕުޅު ކުރެއްވި ކަމަށް، މުލާ އެކުލަވާލެއްވި ތަހުގީގީ ރިޕޯޓު ބުނެފިއެވެ.
2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ރަޝިއާގެ ނުފޫޒު ހޯއްދެވި ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން މުލާ ކުރިއަށް ގެންދެވި ތަހުގީގުގެ ރިޕޯޓްގެ ގޮތުގައި އެމެރިކާގެ ކޮންގްރެސްއަށް މީގެ ކުރިން ހުށަހަޅާފައި ވަނީ އެމެރިކާގެ އެންމެ އިސް ލޯޔަރު ވިލިއަމް ބާ ތައްޔާރު ކުރެއްވި ހުލާސާއެކެވެ. މުލާގެ ތަހުގީގުގެ މުޅި ރިޕޯޓުގެ ކޮޕީ އާންމުކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކަންމިހެން އޮތްއިރު، ވިލިއަމް ބާގެ އަމަލުފުޅުތައް ހުރި ގޮތުގެ މައްޗަށް ގިނަ ބަޔަކު ދަނީ ފާޑުކިއަމުންނެވެ. އެގޮތުން އެމެރިކާގެ އެޓާނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނަވާ، ބާ ތައްޔާރުކުރެއްވި ހުލާސާ ބަޔާނަކީ، އެމެރިކާގެ އަދުލު އިންސާފަށް ޓްރަމްޕް ނުފޫޒު ފޯރުއްވި ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ހިންގި ތަހުގީގުން އެކުލަވާލި ބަޔާންތަކުގެ ހަގީގަތާ ހިލާފު މިސްރާބަކަށް ކަސިޔާރު ވެފައިވާ ހުލާސާއެއް ކަމަށް އިދިކޮޅު ޑިމޮކްރަޓުން ދަނީ ބުނަމުންނެވެ.
22 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މުލާ ކުރިއަށް ގެންދެވި ތަހުގީގުގެ މުޅި ރިޕޯޓް އާންމު ކޮށްފައި ވާއިރު، އެކި ތުހުމަތުތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް 35 މީހެއްގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ.
މުލާގެ ރިޕޯޓް ގައި ވާ ގޮތުގައި ޓްރަމްޕްގެ ކެމްޕޭނާ ރަޝިއާއާއި ދެމެދު ޖިނާއީ ކުށެއް ކަމުގައި ބެލެވޭ ގުޅުންތަކެއް ހިނގި ކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް، އެ މައްސަލަ ތަހުގީގަށް ޓްރަމްޕް ހުރަސް އެޅުއްވިކަން ނުވަތަ ނޫން ކަން ގާނޫނީ އިމުގެ ތެރެއިން ބަޔާންކުރެވޭ ވަރުގެ ނިންމުމެއް ނިންމެން ނެތްކަމަށްވެސް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.
ކަންމިހެން އޮތް ނަމަވެސް، މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނެވި މުލާ، އެ މަގާމުން ދުރުކުރެއްވުމަށް ވައިޓް ހައުސްގެ ލޯޔަރަކަށް ޓްރަމްޕް ދެންނެވިކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ފިތިފައި ހުންނަންވަން ޖެހޭކަމަށް ގަބޫލުކުރައްވާ، އެ ވަކީލު ވަނީ ވައިޓް ހައުސްގެ ވަޒީފާވެސް ދޫކޮށްލައްވާފައި ކަމަށް މުލާގެ ރިޕޯޓްގައި ވަނީ ބަޔާން ކޮށްފައެވެ. ހަމަ މިއާއެކު އިންސާފުވެރި ތަހުގީގަކަށް ހުރަސް އެޅުއްވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބު ވެފައިވަނީ، އެ އަމުރުފުޅުތައް ތަންފީޒުކުރަން ޖެހިވަޑައިގެންނެވި ބޭފުޅުން އެ ވަޒީފާތަކާ މަގާމުތައް ދޫކޮށްލެއްވުމުގެ ސަބަބުން ކަމަށްވެސް މުލާގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.
ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ 448 ސޮފުހާގެ މައްޗަށް އެކުލެވޭ މި ރިޕޯޓަކީ "ފުރިހަމަ ނަސްރެއް"ގެ ގޮތުގައި ސިފަކޮށްފައެވެ.