ހެލްމެޓް އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން ފޭރުން އާންމުވެފައި ވާއިރު އޭޓީއެމް ފަދަ ތަންތާ ކައިރީ ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން އުޅޭ ނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް ސުޕްރިންޑަންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، ހެލްމެޓް އަަޅައިގެން ހާއްސަކޮށް އޭޓީއެމް ފަދަ ސަރަހައްދުތައް ކައިރީގައި މަޑުކޮށްގެން ތިބޭ މީހުން ނުވަތަ މޫނު ނިވާކޮށްގެން ތިބޭ މީހުން އުޅޭ ކަމަށް ފާހަގަ ކުރެވޭނަމަ، ނުވަތަ ފާރަލާ ކަމަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް އެކަން ހިއްސާ ކުރުމަށެވެ.

"ޝައްކު ކުރެވޭ ނަމަ، ޝައްކު ކުރެވޭ ހާލަތެއްގައި ވެއްޖިއްޔާ އަޅުގަނޑުމެންނަށް ހިއްސާކޮށްލަ ދެއްވާށޭ. މިތަނުގައި މަޑުކޮށްގެން އިން މީހަކު އިން ގޮތުން ނުވަތަ އަމަލުތަކުން ތިމަންނައަށް ޝައްކު ކުރެވެޔޭ" މޫސާ އަލީ ވިދާޅުވިއެވެ.

ފުލުހުން ބުނީ، ފްރަންޓް ލައިން ފުލުހުން ދަނީ މާލޭގެ މަގުތައް އަމާން ކުށްމަދު ރައްކާތެރި ތަނަކަށް ހެދުމަށް ވަރަށް ގިނަގުނަ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ފައިސާ ބޭންކަށް ޖަމާކުރައްވަން ދާނަމަ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަވާނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން އެދިފައިވެއެވެ.

އޭގެއިތުރުން ހެލްމެޓް އަޅައިގެން ނުވަތަ މޫނު ނިވާކޮށްގެން ބަޔަކު އަންނަ ތަން ފެނިއްޖެ ނަމަ ނުވަތަ ފާރަލާ ކަމަށް ޝައްކު ކުރެވޭ ނަމަ ރައްކާތެރި ތަނެއްގެ ތެރެއަށް ވަދެވަޑައިގަތުމަށްފަހު ފުލުހުންނަށް އެމީހުންގެ މައުލޫމާތު ހިއްސާ ކުރެއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ. އެގޮތުން ވެހިކަލްގެ ނަންބަރު ފުލުހުންނާ ހިއްސާ ކުރައްވާއިރު ވެހިލްގެ ނަންބަރުގެ މަތީގައިވާ ރަޖިސްޓާ ނަންބަރު ފުލުހުންނަށް ދިނުމަށް ވެސް ފުލުހުން ބުނެއެވެ. އެއީ ފުލުހުންނަށް އެ ވެހިކަލް އަވަހަށް ދެނެގަތުމަށް ވަރަށް މުހިއްމު މައުލޫމާތެއް ކަމަށް ފުލުހުން ބުނެއެވެ.

ހެލްމެޓް އަޅައިގެން ވައްކަން ކުރުން ވަނީ އިތުރުވެފައެވެ. އެގޮތުން ރޭ 11:32 ހާއިރު ފަރީދީ މަގު ފަތަހަ ސުންބުލި ފިހާރަ ކައިރިން ފިހާރައެއްގެ ސޭލްސް ނިންމުމަށްފަހު ސައިކަލެއްގައި ގެންދިޔަ ދެލައްކައަށް ވުރެ ގިނަ ފައިސާ ހެލްމެޓް އަޅައިގެން ހުރި ދެމީހަކު ވަނީ ފޭރިގެންފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 11 ވަނަ ދުވަހު މެންދުރު 12:15 ހާއިރު ހެންވޭރު ލަންސިމޫގޯޅި ތެރެއިން ވަޅިން ބިރު ދެއްކުމަށްފަހު ބިދޭސީއެއްގެ އަތުން ބައިލައްކައެއްހާ ރުފިޔާ ފޭރިގެންފައިވަނީ ވެސް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން މިފްކޯގެ ވެހިކަލެއްގައި އެކުންފުނީގެ ހެޑް އޮފީހުން ފެލިވަރަށް ގެންދިޔަ ދެ މިލިއަން ރުފިޔާ ފޭރިގެންފައި ވަނީ ވެސް ހެލްމެޓަކުން މޫނު ނިވާކޮށްފައި ތިބި ބައެކެވެ.