އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރި ވަމުންދިޔަ އޮފިޝަލަކު މަރާލާފައިއެވެ.
އޮރިއްސާ ސްޓޭޓްގައި އިންތިހާބީ އޮފިޝަލަކަށް ހަމަޖައްސާފައި ހުރި ސަންޖުކްތާ ދިގާލް މަރާލާފައި ވަނީ، ވޯޓުލާ މަރުކަޒަށް ދިއުމަށް އެއްގަމު އުޅަނދެއްގައި ދަތުރުކުރަމުން ދަނިކޮށް މާއޮއިސްޓް ހަނގުރާމަވެރިން ހަމަލާ ދީގެންނެވެ.
އިންތިހާބީ އޮފިޝަލެއްގެ ފުރާނަ ދުއްވާލި ނަމަވެސް، ވޯޓުލުމުގެ އެއްވެސް ކަމަކަށް ބުރޫ އަރާފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
900 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ 7 މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގެ ވޯޓުލުން ނިމި، 2 ވަނަ މަރުހަލާގެ ވޯޓުލުން ބުރާސްފަތި ދުވަހު ކުރިއަށް ދާއިރު، އެންމެ ފަހު މަރުހަލާގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަތީޖާ ލިބޭ ވަރު ވާނީ މެއި 23 ވަނަ ދުވަހުއެވެ.
މިއީ އިންޑިއާގެ ތާރީހުގައިވެސް އެ ގައުމުގައި ކުރިއަށް ގެންދާ އެންމެ ބޮޑު އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލުމަށް 83 މިލިއަން މީހަކު ވަނީ ޝަރުތު ހަމަވެފައެވެ. ވޯޓުލާ މީހުންގެ އާބާދީއަށް ބަލާއިރު 15 މިލިއަން މީހުންނަކީ، އުމުރުން 18 އަހަރާ 19 އަހަރުގެ ޒުވާނުންނެވެ.
އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން 39 ދުވަހުގެ މުއްދަތަކަށް ދެމިގެން ދާއިރު، ވޯޓުލުމަށް 1 މިލިއަން މަރުކަޒު ވަނީ ހާއްސަ ކުރެވިފައެވެ. އިންޑިއާގެ އާންމު އިންތިހާބަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލަނީ އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމްތައް ބޭނުން ކޮށްގެންވެ.
މިފަހަރުގެ އިންތިހާބަކީ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް ވެރިކަން ކުރާ ބަހާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ނަރޭންދްރާ މޯދީ މަސައްކަތް ކުރައްވާ އިންތިހާބަކަށް ވާއިރު، މޯދީއާއި ވާދަ ކުރައްވަނީ އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއެވެ.
ލޮކް ސޮބާ ނުވަތަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް އެކުލެވިގެންވަނީ 543 މެމްބަރުންގެ މައްޗަށް ކަމަށް ވާއިރު، އިންޑިއާގެ މައި ސަރުކާރު އެކުލަވާލެވެން އަންނަނީ 272 ގޮނޑި ކާމިޔާބު ކުރާ ބަޔަކަށެވެ.