ނުސްރަތު ޖަހާން ރާފީގެ ހަށިގަނޑަށް ސާފުތެޔޮ އަޅާ ރޯކޮށްލީ ބަންގްލަދޭޝްގައި އޭނާ ތައުލީމު ހާސިލުކުރަމުންދިޔަ މަދަރުސާގެ ތެރޭގައެވެ. އެއީ ސްކޫލްގެ ހެޑްމާސްޓަރާ ދެކޮޅަށް، ޖިންސީ ފުރައްސާރައިގެ ދައުވާއެއް ނުސްރަތު ފައިލްކުރިތާ ދެ ހަފުތާއެއްހާ ދުވަސްވެސް ނުވަނީހެވެ.

ޖިންސީ ފުރައްސާރައާ ދެކޮޅަށް ތެދުވެ އަޑުއުފުލުމާ، އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ ގައިގައި ރޯކޮށްލުމާ، އޭގެ ފަސް ވަރަކަށް ދުވަސްފަހުން މި ދުނިޔެއާއި ނުސްރަތު ވަކިވެގެން ދިޔަ ގޮތުގެ ވާހަކައަކީ، ބަންގްލަދޭޝްގެ އާންމު ހާލަތާ މެދު ބައިނަލްއަގުވާމީ ސަމާލުކަން ދަމައިގަތް ވާހަކައަކަށް ވަނީ ވެފައެވެ.

ނުސްރަތު ނިސްބަތްވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާއި މާ ދުރު ނޫން އަވަށަކެވެ. އޭނާ ތައުލީމު ހާސިލުކުރަމުންދިޔައީ "ދީނީ މީހުން" ހިންގަމުންދިޔަ މަދަރުސާއެއްގައެވެ. އުމުރުން 19 އަހަރުގެ ނުސްރަތު ކިއާދިން ގޮތުން ނަމަ މަދުރުސާގެ ހެޑްމާސްޓަރުގެ އޮފީޖަށް އޭނާ ހާޒިރުކުރެވުނެވެ. އަދި އަތްލަން ނުޖެހޭ ގޮތްގޮތަށް އޭނާގެ ގައިގައި ހެޑްމާސްޓަރު އަތްލަމުންދިޔައެވެ. އިތުރު ހިސާބަކަށް ކަންތައްތައް ގޯސްނުވަނީ ނުސްރަތު ސަލާމަތް ހޯދާ، ދުވެ ފިލީއެވެ. މިކަމެއް ހިނގާ ދިޔައީ މާޗް މަހުގެ ފަހުކޮޅުގައެވެ.

ނުސްރަތު އެ މައްސަލަ ހުށަހެޅި ފުލުހުންގެ އޮފީހަށެވެ. އޭނާއަށް ހިމާޔަތް ދޭންވީ ފުލުހުންވެސް އެފަހަރު ހިޔާރުކުރީ އެހެން މިސްރާބެކެވެ. ހެޑްމާސްޓަރުގެ އަމަލުތަކުގެ ވާހަކަ ކިއާދެމުންދިޔައިރު ފުލުހުންގެ ބޮޑަކަށް ހުރި މީހާ ދިޔައީ ނުސްރަތުގެ ހަރަކާތްތައް އޭނާގެ ފޯނަށް ރެކޯޑްކުރަމުންނެވެ. އެކަން އެނގިގެން ނުސްރަތު އޭނާގެ މޫނު ފޮރުވަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނުރަސްތު އެ ހުށަހަޅަމުންދިޔަ މައްސަލައަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށާ، މޫނުމަތިން އަތް ނެގުމަށް ފުލުހުންގެ ވެރިޔާ ނުސްރަތަށް އަންގަމުންދިޔައެވެ. އެންމެ ފަހުން ބަންގްލަދޭޝްގެ މީޑިއާއަތަކަށް އެ ވީޑިއޯ ލީކުވެސްކޮށްލީއެވެ.

ނަމަވެސް ހެޑްމާސްޓަރު ހައްޔަރުކުރިއެވެ. އެކަންވީ ނުސްރަތުގެ ބަދު ނަސީބަށެވެ. ހެޑް މާސްޓަރު މިނިވަން ކުރުމަށް ގޮވާލާ، ފުލުހުންގެ އިދާރާއަށް މީހުން ޖަމާވާން ފެށިއެވެ. އެންމެނަށްވެސް ގޯސްވީ ނުސްރަތެވެ. އޭނާގެ ސަލާމަތާ މެދު ކަންބޮޑުވި ހަމައެކަނި ބަޔަކަށް ތިބީ ނުސްރަތުގެ އާއިލާގެ މެމްބަރުންނެވެ. މަދަރުސާއަށް ދާން ދެކޮޅު ހެދުމަށްފަހު ނުސްރަތު ސްކޫލަށް ދިޔައީ މިކަމެއް ހިނގިތާ 11 ވަރަކަށް ދުވަސް ފަހުންނެވެ. އެއީ ފައިނަލް އިމްތިހާނުގައި ބައިވެރިވުމަށެވެ.

އިމްތިހާނަށް ނުސްރަތު ގޮވައިގެން ދިޔައީ އޭނާގެ ބޭބެއެވެ. ނަމަވެސް ނުސްރަތާއެކު ދެވޭނެ ގޮތެއް އޭނާއަކަށް ނުފެނުއެވެ. އެކި ކޮޅުކޮޅުން އޭނާއަށް ހުރަސް އަޅުމުގެ ސަބަބުން މަދުރާސާތެރެއަށް ނުސްރަތު ވަދެގެންދިޔައި އެކަންޏެވެ.

ފުލުހުންނަށް ނުސްރަތު ފަހުން ދިން ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުގައި، އެކުވެރިއެއްގެ ގައިގައި ބަޔަކު ތަޅާ ކަމަށް ބުނެ މަދުރާގެ ފުރާޅު މައްޗަށް ނުސްރަތު ގެންދިޔައީ އޭނާގެ ގާތް އެކުވެރި އަންހެން ދަރިވަރެކެވެ. ފުރާޅު މައްޗަށް އެރުމާއެކު، ބުރުގާ އަޅައިގެން ތިބި 5 ވަރަކަށް މީހުން އޭނާ ވަށާލުމަށްފަހު ހެޑްމާސްޓަރާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް މަޖުބޫރުކުރަން ފެށިއެވެ. އެކަމަށް އޭނާ ދެކޮޅު ހެދުމުން ގައިގައި ރޯކޮށްލީއެވެ.

ބަންގްލަދޭޝް ފުލުހުންގެ ތަހުގީގީ އިދާރާއިން ބުނާ ގޮތުގައި، ނުސްރަތުގެ ގާތިލުން ވަނީ އެއީ ނުސްރަތު އަމިއްލައަށް ކުރި ކަމެއް ކަން ދެއްކުމަށް ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، ނުސްރަތު މަރު ނުވަނީސް އެމީހުން އެތަނުން ފިލުމާ، މަރު ނުވަނީސް ކަމާ ބެހޭ ފަރާތްތަކަށް ނުސްރަތު "ސަލާމަތް" ކުރެވުމުގެ ސަބަބުން ފުލުހުންނަށް ބަޔާން ނެގޭ ގޮތްވެ، ގާތިލުން ފަޅާއަރާގޮތްވީއެވެ.

ހޮސްޕިޓަލަށް ނުސްރަތު ގެންދެވުނުއިރު ހަށިގަނޑުގެ 80 ޕަސެންޓް ވަނީ ފިހިފައެވެ. އިތުރު ފަރުވާ ދިނުމަށްޓަކައި ޑާކާ މެޑިކަލް ކޮލެޖަށް ނުސްރަތު ބަދަލުކުރެވުނެވެ. އަދި ހޮސްޕިޓަލާ ހަމައަށް ދެވެންދެންވެސް ދުނިޔޭގައި ނޯވެދާނެ ކަމުގެ ބިރައްޓަކައި ބޭބެގެ ފޯނުން އޭނާ މެސެޖެއް ރެކޯޑުކުރިއެވެ. އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ އެންމެ ފަހު ނޭވާއާއި ޖެހެންދެކަށްވެސް އެ މައްސަލަޔައިގެން ކުރިއަށްދާނެ ކަމަށެވެ.

ނުސްރަތުގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކުރީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާގެ އުފަން އަވަށުގައި ކުރިއަށްގެންދިޔަ ޖަނާޒާގައި، އެތައް ހާސް މީހުންނެއް ވަނީ ނުސްރަތަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފައެވެ.

ނުސްރަތު ޖަހާން ރާފީގެ ޖަނާޒާގައި އޭނާގެ ބޭބެ (މ) ހިތާމަފާޅުކުރަނީ/ފޮޓޯ: ޝަހާދަތު ހުސައިން

ނުސްރަތުގެ މަރުގެ މައްސަލައާއި ގުޅިގެން ބަންގާޅު ފުލުހުން ވަނީ މިހާތަނަށް 15 މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 7 މީހަކީ އޭނާގެ މަރުގެ މައްސަލައާއި ސީދާ ގޮތުން ގުޅުން އޮތް 7 މީހެކެވެ. ހެޑްމާސްޓަރުވެސް ހުރީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައެވެ. ނުސްރަތުގެ ބަޔާން ރެކޯޑްކުރި ފުލުސް މީހާވެސް މިހާރުވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ ވަނީ ނުސްރަތުގެ އައިލާ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި މިމައްސަލާގައި ދައުވާ ލިބެންޖެހޭ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށާ، އެއްވެސް މީހަކަށް ނުފިލޭނެ ކަމަށް ޝައިހު ހަސީނާ ވަނީ ވިދާޅުވެފައެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ރޭޕްގެ 940 ހާދިސާއެއް ވަނީ ހިނގާފައެވެ. ނަމަވެސް ގިނަ މައްސަލަތަކަކީ ރިޕޯޓް ނުކޮށްދާ މައްސަލަތަކެއް ކަމުން، ހަގީގީ އަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވުންވެސް އެކަށީގެންވެއެވެ.