ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ 2 ވަނަ މަރުހަލާގެ ވޯޓުލުން ފަށައިފިއެވެ.
ދެވަނަ ފޭސްގެ ވޯޓުލުން ބުރާސްފަތި ދުވަހު ކުރިއަށް ދަނީ، ކަމާ ބެހޭ ފަރާތްތަކުން ޖެހި ވަރުގަދަ ރެއިޑްތަކެއްގެ ހިޔަނި ސިޔާސީ މަސްރަހަށް އެޅިފައިވާ ދަނޑިވަޅެއްގައި ކަމަށް ވާއިރު، މިއީ ވޯޓު ހޯދުމަށް ވެރިކަން ކުރާ ފަރާތްތަކުން ޖެއްސި ސްޓަންޓެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ބުރާސްފަތި ދުވަހު ވޯޓުލުން ކުރިއަށްދަނީ 11 ސްޓޭޓަކާ 1 ޔޫނިއަން ޓެރިޓަރީއެއްގައި ކަމަށް ވާއިރު، އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ލޮކް ސަބާގެ 35 ގޮނޑިއަކަށް މި ފޭސްގައި މެމްބަރުން އިންތިހާބު ކުރެވިގެންދާނެއެވެ.
2 ވަނަ ފޭސްގެ ވޯޓުލުން ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތުތަކާ ހަމައަށް ދެމިގެން ދާއިރު، މިހާތަނަށް ވޯޓު ދީފައިވާ މަޝްހޫރު ބައެއް ފަރާތްތަކުގެ ތެރޭގައި ސުޕާ ސްޓާ ރަޖުނީކާންތު، ކޮންގްރެސްގެ ލީޑަރު ޕީ ޗިދަމްބަރަމްއާއި ދަރިފުޅު ކާރްތީގެ އިތުރުން ސުޝީލް ކުމާރު ޝީންޑޭ ފާހަގަކޮށްލެވެއެވެ.
7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބުގައި އެންމެ ފަހު ފޭސްގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވަނީ މެއި 19 ވަނަ ދުވަހަށެވެ. ވަގުތީ ނަތިޖާ ލިބޭނެ ކަމަށް ލަފާކުރެވެނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.