ފަންނީ އާ އިރުޝާދުގެ ދަށުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ބާރުގަދަ ނިއުލިއާ ހަތިޔާރެއް އުތުރުކޮރެއާއިން ޓެސްޓުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީވެސް އުތުރު ކޮރެއާއިންނެވެ.

މިއީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ނައްތާލުމަށް އެމެރިކާއާއިއެކު އެންމެ ފަހުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލިފަހުން އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާއިން ބާރުގަދަ ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކުރި ނަމަވެސް، މިއީ އެމެރިކާ ޖެހިލުންވާ ދިގު ރާސްތާ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމަށް އެގައުމު އެނބުރި ދިޔުން ނޫންކަމަށް މުރާސިލުން ލަފާކުރެއެވެ.

އުތުރު ކޮރެއާއިން މި ޒާތުގެ ޓެސްޓެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ވަނީ ކޮށްފައެވެ. އެ ފަހަރުގެ ޓެސްޓަކީ އެމެރިކާއަށް ފިއްތުންތަކެއް ކުރިމަތިކުރުވުމަށް އުތުރު ކޮރެއާއިން ހިންގި އަމަލެއް ކަމަށް ބެލެވެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވާ ގޮތުގައި، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ބޭނުން ކަމުގައި ވަނީނަމަ، މަޝްވަރާތަކާ ކުރިމަތިލާންޖެހޭނީ ރަނގަޅު ނިޔަތެއްގައި، އުއްމީދުތަކަކާ އެކުގައި ކަމަށެވެ.

އުތުރު ކޮރެއާގެ ޚަބަރުތައް ބުނާ ގޮތުގައި، އެ ގައުމުން އެންމެ ފަހުން ޓެސްޓު ކުރި ބާރުގަދަ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް، ކިމް ވަނީ ވަރަށް ގާތުން ބައްލަވާފައެވެ.