ދައުލަތުގެ ތިން ބާރުން ކުރެ އެއް ބާރަށް އަންހެން މެންބަރަކު އިންތިހާބު ކުރަން ފެންނަ ކަމަށް އެމްއާރްއެމްގެ އިސްދައުރެއް އަދާކުރައްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާ، ދެބޭފުޅުންނަކީވެސް ގާބިލް ތަޖުރިބާ ހުރި ދެބޭފުޅުން ކަމަށެވެ. އަދި މަޖިލީހުގެ ނައިބަކަށް ގެނައުމަށްވުރެ ރައީސް ކަމަށް އަންހެން ބޭފުޅަކު ގެނައުމަށް ތާއީދު ކުރައްވާ ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ވަނީ ހަތަރު އަންހެން ބޭފުޅެކެވެ. އެއީ ތުޅާދޫ ދާއިރާއަށް ހިސާން ހަސަނާއި، ހިންނަވަރު ދާއިރާއަށް ޖީހާން މަހުމޫދުގެ އިތުރުން ރޮޒައިނާ އަދި އީވާއެވެ. އޭގެ ތެރެއިން ރޮޒައިނާ ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.