ޓެރަރިޒަމްއާއި ގުޅުންހުރި ޚަބަރުތަކުގައި ގިނަ ފަހަރަށް އަންހެނެއްގެ އަޑު އިވޭނީ، އެ ޓެރަރިސްޓުންގެ ޝިކާރައަކަށް އޭނާ ވެގެންނެވެ. ނުވަތަ ޓެރަރިސްޓް ހަމަލާއަކުން ދިފާއުވުމަށް އޭނާ ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. މިއާ ހިލާފަށް ޓެރަރިޒަމަށް ހިތްވަރުދީ، އެކަމުގައި ނުސީދާ ގޮތުން ބައިވެރިވަމުންދާ އަންހެނުންނާ މެދު މީޑިއާއިން މާ އެދެވޭ ތަސްވީރެއް ކުރަހާ ދީފައި ނުވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ފަހަރުގައި މިއީ، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ބައެއް ފަރާތްތަކަށް ހަޖަމުކުރަން ދަތި ބުނުމަކަށްވެސް ވެދާނެއެވެ.
އަންހެނުންނަކީ ޓެރަރިޒަމްގެ ޝިކާރައެއްގެ ގޮތުގައި އޮތް އޮތުން މި ފަހުގެ ތާރީހުގައި ބަދަލުކޮށްލި އެކަކީ ޝަމީމާ ބޭގަމްއެވެ. އަމިއްލަ އާއިލާއާއި މައިންބަފައިންނާ އަމިއްލަ ފަސްގަނޑު ދޫކޮށް، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާއި ގުޅުމަށް ޅަ އުމުރެއްގައި ސޫރިޔާއަށް ދިޔަ ޝަމީމާ ބޭގަމްއަކީ، އިސްވެ ދެންނެވުނު ނަޒަރުން ވިސްނައިގެން ލިޔާ ފޮތެއްގެ ބަނޑޭރިގަނޑުގައި އެނާގެ ފޮޓޯ ޖެހާނެ މީހެކެވެ.
އައިސިސްއާއި ގުޅުމަށް ޝަމީމާ އިނގިރޭސިވިލާތް ދޫކޮށްލީ މީގެ 4 ވަރަކަށް އަހަރުކުރިންނެވެ. ނަމަވެސް މިއަދު ޝަމީމާ ބުނާ ގޮތުގައި އޭނާ ސޫރިޔާގައި އިނީ 'ގެވެހިއަންބަކަށް' ވެގެން ގޭގައި ކަމަށެވެ. ޝަމީމާގެ ވާހަކަ މިފަދަ ގޮތަކަށް ހުރިކަމުގައި ވީ ނަމަވެސް، ނުވިތާކަށް ހައްގުތަކަށް ވަކާލާތު ކުރާ ބައެއް މީހުންގެ ވާހަކަތައް މިފަދަ މޭރުމަކުން ހުރި ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުގެ ރާގު ތަފާތެވެ. އިނގިރޭސިވިލާތުގެ ދާހިލީ ވަޒީރު ވިދާޅުވާ ގޮތުގައި، ޓެރަރިޒަމަށް އެއްބާރުލުން ދިނުމަކީވެސް އޭގެ އަދަބު ލިބެންޖެހޭނެ ކަމެކެވެ. މިއާއެކު، އިނގިރޭސިވިލާތުންވަނީ ބަންގާޅު ނަސްލަކުން އައި ޝަމީމާއަށް އިނގިރޭސިވިލާތުން ދޫކޮށްފައި އޮތް ރަށްވެހިކަން ބާތިލުކޮށްފައެވެ. ބަންގްލަދޭޝްއިން ބުނާ ގޮތުގައި ޝަމީމާއަކީ އެގައުމަށްވެސް ނިސްބަތްވާ މީހެއް ނޫނެވެ. މިއަދު ޝަމީމާ ވަނީ ހަމަ ރަނގަޅަށްވެސް ރެފިއުޖީއަކަށްވެފައެވެ.
ޝަމީމާގެ ވާހަކައިން ކުރިފެޅި އިތުރު ވާހަކައެއް އެބައޮތެވެ. އެއީ ފުޅާދާއިރާއެއްގައި ދިރާސާކޮށް ބަހުސްވެސް ކުރެވިދާނެ ވާހަކައެކެވެ. އެއީ އަންހެނުން އަމިއްލަ އިހުތިޔާރުގައި ޓެރަރިސްޓުންނާއި ގުޅޭ ކަމުގެ ވާހަކައެވެ. އައިސިސްވިއަސް، އެނޫން ޖަމާއަތެއް ނުވަތަ ފަރުދަކާ ވިއަސްވެސްމެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިރާގާ ސޫރިޔާއިން ބޭރުން އައިސިސްއަށް ރެކްރޫޓުކޮށްފައިވާ މީހުންގެ ތެރެއިން 13 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. ހަގީގީ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވުންވެސް އެކަށީގެންވެއެވެ.
ކަންމިހެންއޮތްއިރު ޓެރަރިސްޓް ޖަމާއަތްތަކުން ރެކްރޫޓުކުރާ އަންހެނުންނަށް އަދާކުރަންޖެހޭ ޒިންމާތަކުގައިވެސް ފަރަގެއް އެބައޮތެވެ. މިރޮނގުން މިހާތަނަށް ހޯދާފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު، އެފްރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ އަލްޝަބާބު ފަދަ ޖަމާއަތްތަކަށް އަންހެނުން ރެކްރޫޓުކުރަނީ ހަނގުރާމަވެރި ފިރިހެނުންގެ އަނބިންގެ ގޮތުގައި އެމީހުންގެ ކައިރީގައި ހިދުމަތް ކުރުމަށެވެ. ނުވަތަ ޖިންސީ އަޅުންގެ ގޮތުގައި ގެންގުޅުމަށެވެ. ބައެއް ހާލަތްތަކުގައި ޓެރަރިސްޓް ޖަމާއަތްތަކަށް އަންހެނުން ރެކްރޫޓުކުރަނީ ވަޒީފާގެ ދަޅަދައްކާ، ހައްލާލައިގެންނެވެ.
މިއާ ހިލާފަށް އައިސިސްއަށް މީހުން ރެކްރޫޓުކުރަނީ އެ ޖަމާއަތުގެ ގަބޫލުކުރުންތައް ޕްރޮމޯޓުކޮށްގެން، ސީދާ އެ ޖަމާއަތުގެ މެމްބަރުންގެ ގޮތުގައެވެ. ޑޮކްޓަރުންނާ ސިއްހީ އެހީތެރިންގެ ގޮތުގައި ހިދުމަތް ކުރުމުގެ ފުރުސަތު އައިސިސްއާއި ގުޅޭ ޓެރަރިސްޓު އަންހެނުންނަށް އޮންނައިރު، ހަމައެކަނި އަންހެން މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެރަރިސްޓު ފުލުހުންގެ ފައުޖެއްވެސް އައިސިސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި އޮވެއެވެ.
ވަކިން ހާއްސަކޮށް، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ އަންހެނުންނަށް ގައުމުތަކުން ހިމާޔަތް ދިނުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ. އެހެނީ ގިނަ އަންހެނުންކަކީ ހަނގުރާމައިގެ ތެރޭގައި ހުވަފަތްވެފައިވާ މީހުންނަށްވެފައި، ޔަތީމު ދަރިންތަކެއްގެ މަޔަކަށްވެފައިވާކަމެވެ. ނުވަތަ އިންސާނީ އުސޫލުން ބޭރުވެފައިވާ ހާލުގައި ތިބި ހަނގުރާމަވެރިންތަކެއްގެ ޖިންސީ ޝިކާރައަކަށްވެފައިވާ އަންހެނުންވެސް އޭގެ ތެރޭގައި ތިބޭނެކަން ގަބޫލުކުރަންޖެހެއެވެ. މެދުއިރުމަތީގައި އައިސިސްގެ ބާރު ކެނޑެމުންދާ ވަރަކަށް، އެޖަމާއަތާ ގުޅުން ގިނަ އަދަދެއްގެ އަންހެނުން މިހާރު ދަނީ އެނބުރި އަމިއްލަ ފަސްގަނޑަށް ދާން ބޭނުން ކަމަށް ބުނަމުންނެވެ. ނަމަވެސް މިކަމަކީ، އެކަށީގެންވާ ރީހެބިލިޓޭޝަން މަޝްރޫއަކަށް ފަހުގައި ނޫނީ ކުރަން ހެޔޮވާނެ ވަރުގެ ކަމެއް ނޫނެވެ.