މާޗް 2019 ގެ ނިޔަލަށް އދއިން އިންޑިއާއަށް ދަރާފައިވާ ދަރަނީގެ އަގު 38 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
މިއީ އިންޑިއާއިން ކުރިއަށް ގެންގޮސްފައިވާ ސުލްހަބެލެހެއްޓުމުގެ އޮޕަރޭޝަންތަކަށް އދއިން ދައްކަންޖެހޭ ފައިސާކަމަށް ވާއިރު، މިއީ އދއިން ގައުމަކަށް ދަރާފައިވާ އެންމެ ބޮޑު ދަރަންޏެވެ.
ގުޓެރޭޒްވަނީ އދގެ މާލީ ހާލަތު ދަށްވަމުންދާކަން ފާހަގަކުރައްވާ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އދގެ މާލީ ހާލަތު ބަޔާންކުރައްވާ ގުޓެރޭޒް އެކުލަވާލެއްވި ރިޕޯޓް ބުނާ ގޮތުގައި، 2019 ވަނަ އަހަރުގެ މާޗް 31ގެ ނިޔަލަށް އދގެ ސުލްހަ ބަލަހައްޓާ މިޝަންތަކަށް ހިނގި ޚަރަދު 265 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝްއަށް ދައްކަންޖެހޭ 25 މިލިއަން ޑޮލަރާ، ނޭޕާލަށް ދައްކަންޖެހޭ 23 މިލިއަން ޑޮލަރުގެ އިތުރުން ޕާކިސްތާނަށް ދައްކަންޖެހޭ 28 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.
ކަންމިހެން އޮތްއިރު، އދގެ ސުލްހަބަލަހައްޓާ މިޝަންތަކަށް ހިނގާ ޚަރަދު، މިއަހަރުގެ ޖޫން މަސް އަންނައިރު 588 މިލިއަން ޑޮލަރަށް އިތުރުވުން އެކަށީގެންވާ ކަމަށްވެސް ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.
އދއިން އިންޑިއާއަށް ދަރާފައިވާ ދަރަންޏާ މެދު އެގައުމުން ކަންބޮޑުވާކަމަށް އިންޑިއާއިން އދއަށް ކަނޑައަޅާފައިވާ ހުންނަވާ ދާއިމީ މަންދޫބު ސައްޔިދު ޢަބްދުލް ކަރީމު ވަނީ މިއަހަރުގެ ކުރީކޮޅު ފާހަގަ ކުރައްވާފައެވެ.