2030 ވަނަ އަހަރު އަންނަންދެން މިސްރުގެ ރިޔާސަތުގައި ދެމި ހުންނެވުމުގެ ފުރުސަތު، މިހާރުވެސް ރައީސް ޖެނެރަލް ޢަބްދުލް ފައްތާޙު އަލް ސީސީއަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ގައުމުގެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ "އިސްލާހަށް"، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތާއީދު ކުރައްވައިފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މި ނިންމުމާއެކު، މިސްރުގެ އާންމުންގެ ހިޔާލު ހުރި ގޮތެއް ބަލާ، އެކަން ތަންފީޒު ކުރުމަށްޓަކައި މެއި މަހުގެ ކުރިން މިސްރުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ބެލެވެއެވެ.

މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑުކިއަމުންނެވެ. ހުސްނީ މުބާރަކުގެ 30 އަހަރުވީ ވެރިކަމަށް ނިމުމެއް ގެނެސް، މިސްރުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑިމޮކްރަޓިކް އިންތިހާބުން ރިޔާސަތަށް އިސްކުރެވުނު މުޙައްމަދު މޫރުސީގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު މިސްރުގައި ވެރިކަން ކުރައްވަމުން ގެންދަވާ އަލް ސީސީގެ ވެރިކަން ދެމިގެންދާ ގޮތައް ނިންމި ނިންމުމަކީ، އަނެއްކާވެސް ޚުދުމުޚުތާރު ވެރިކަމެއްގެ ތެރެއަށް މިސްރު ޣަރަޣުކޮށްލުން ކަމަށް ސިޔާސީ މުރާސިލުން ދަނީ ފާހަގަކުރަމުންނެވެ.

ކަންމިހެން އޮތްއިރު މިސްރުގެ ރައްޔިތުންވެސް ދަނީ މި "އިސްލާހު" ބަލައިގަންނަން ބޭނުން ނުވާކަމަށް ބުނަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ، ފެންނަ ނުފެންނަ ވޯޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، އެ ބަދަލު ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދިނުމަށް މިސްރުގެ ރައްޔިތުންނަށް ގޮވާލާ، އެކަމަށް ހިތްވަރު ދެމުންނެވެ.