އިސްރާއީލުގައި ގުޅިފައިވާ އާ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ތާއީދު، މިހާރުގެވެސް ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ލިބިވަޑައިގެންފައިވާކަމަށް އިސްރާއީލުގެ ރައީސް ރިއުވެން ރިވްލީން ވިދާޅުވެއްޖެއެވެ.

އޭޕްރިލް މަހުގެ 9 ވަނަ ދުވަހު އިސްރާއީލުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ވަކި ފަރާތަކަށް އަޣުލަބިއްޔަތު ލިބިފައި ނުވި ނަމަވެސް، ކޮރަޕްޝަންގެ 3 މައްސަލައެއްގެ ދައުވާއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ނަތަންޔާހޫ ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމު 5 ވަނަ ދައުރަކަށް ކަށަވަރު ކުރައްވާފައެވެ.

އިސްރާއީލުގެ ސިޔާސީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއިއެކު އާ ސަރުކާރެއް އެކުލަވާލެއްވުމުގެ ގާބިލުކަން އެންމެ ބޮޑަށް ލިބިވަޑައިގެންފައިވާ ލީޑަރަކު އައްޔަނު ކުރައްވާނީ އިސްރާއީލުގެ ރައީސްއެވެ. އެ ލީޑަރަކީ ނަތަންޔާހޫކަން ބުދަ ދުވަހުގެ ވަގުތެއްގައި ރަސްމީކޮށް އިއުލާން ކުރެވިގެންދާނެއެވެ. އެއާއެކު އާ ސަރުކާރެއް އެކުލަވާލެއްވުމަށް 42 ދުވަހުގެ މުހުލަތެއް ނަތަންޔާހޫއަށް ލިބިވަޑައިގަންނަވާނެއެވެ.