އިންޑޮނޭޝިއާއަށް ރައީސަކު އިންތިހާބުކޮށް، ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށްޓަކައި އެ ގައުމުގެ ތާރީހުގައިވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އިންތިހާބީ ރޭހުގެ ވޯޓުލުން ފަށައިފިއެވެ.

ރިޔާސީ އަދި އާންމު އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ، 3 ޓައިމް-ޒޯނެއް އޮންނަ އިންޑޮނޭޝިއާގެ އެންމެ އިރުމަތީ ބިތުގެ ގަޑިން ހެނދު 07:00 ގައެވެ.

އިންޑޮނޭޝިއާގެ ރިޔާސީ ރޭހުގައި އެންމެ ގާތުން ވާދަކުރައްވަނީ މިހާރުގެވެސް ރައިސް ޖޯކޯ ވިޑޯޑޯއާއި، ޒަމާންވީ އިދިކޮޅު ކެންޑިޑޭޓް ޕްރާބޯވޯ ސުބިއާންޓޯއެވެ. ވިޑޯޑޯގެ ރަނިންގް މޭޓަކީ އިންޑޮނޭޝިއަން އުލަމާ ކައުންސިލްގެ ޗެއާމަން މައުރޫފް އަމީންއެވެ. ސުބިއާންޓޯގެ ރަނިންގް މޭޓަކީ މަޝްހޫރު މަހުޖަނު ސަންދިއާގާ އޫނޯއެވެ.

އިންޑޮނޭޝިއާގެ އިންތިހާބީ ރޭސްތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންދާ އެންމެ ހަގު އުމުރަކީ 17 އަހަރެވެ. މިފަހަރުގެ އިންތިހާބުގައި 192 މިލިއަން މީހުން ވަނީ ވޯޓުދިނުމަށް ދަފުތަރުކޮށްފައެވެ. ގާނޫނު ހަދާ މަޖިލީހުގެ 711 ގޮނޑިއެއްގެ އިތުރުން ޕްރޮވިންޝަލް ކައުންސިލަށް 2207 މެމްބަރުން އަދި ޑިސްޓްރިކްޓް ކައުންސިލްތަކަށް 17610 ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް، 805075 މަރުކަޒެއްގައި މިއަދު ވޯޓުލުން ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާތައް ލިބޭ ވަރު ވާނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.