އެންޖިއޮޕްލާސްޓީ ހެދޭ ގޮތް ނުވެއްޖެނަމަ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރަންޖެހިދާނެކަމަށް ނަވާޒް ޝަރީފުގެ ޕާސަނަލް ފިޒީޝަން ޑރ އަދުނާނު ޚާން ބުނެފިއެވެ.
ލަހޯރުގެ ޝަރީފު މެޑިކަލް ސިޓީގައި ހުންނަ އަގާ ޚާން ޔުނިވާސިޓީގެ ޑޮކްޓަރުންގެ ޓީމަކުން ހޯމަ ދުވަހު ވަނީ، 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ނަވާޒް ޝަރީފު ބައްލަވާފައެވެ.
ޑޮކްޓަރުންގެ ތަހުގީގަށްފަހު ޑރ ޚާން ވިދާޅުވީ، އުމުރުފުޅުން 69 އަހަރުގެ ނަވާޒްގެ ހިތްޕުޅުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ.
ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފުވެސް ވަނީ ބައްޕާފުޅުގެ ހާލުކޮޅު ސީރިއަސް ކަމަށް ވިދާޅުވެ، ޓުވީޓެއް ކުރައްވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި 3 ދައުރު ފުރިހަމަ ކުރައްވާފައިވާ ނަވާޒް ޝަރީފު ޖަލުގައި ހުންނަވާއިރު، މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި އެކަށީގެންވާ ސިއްހީ ފަރުވާއާއި އަޅާލުން ނަވާޒްއަށް ފޯރުކޮށްދެއްވަމުން ނުދާކަން ފާހަގަކުރައްވާ، ނަވާޒްގެ އައިލާއިންވަނީ މީގެ ކުރިންވެސް ކަންބޮޑުވުންފާޅުކުރައްވާފައެވެ.
ޖަލު ހުކުމެއް މިވަގުތުވެސް ތަންފީޒުކުރައްވަމުންގެންދަވާ ނަވާޒްއާއި ދެކޮޅަށް ހިޔާނާތާ ކޮރަޕްޝަންގެ އިތުރު ދައުވާތަކެއްވެސް ވަނީ އުފުއްލާފައެވެ.