ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 9:15 އިން މެނދުރު ފަހު 3:15 އާ ދެމެދު ޅ އަތޮޅުން ފެށިގެން ލ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން މިއަދު ފަތިހު 4:15 އިން ހެނދުނު 9:15 އާ ދެމެދު ނ. އަތޮލޫން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށްވެސް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ރޭ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ މިރޭ ވާރޭ ވެހޭނެ ކަމަށް ކުރިންވެސް ލަފާކޮށްފައިވާ ކަމަށާއި އެގޮތުން މެދު ރާއްޖެތެރެއާ ދެކުނުން ވިއްސާރަ ވިލާތައް ފެނުނު ކަމަށެވެ.

މާލެއާ ހުޅުމާލެއަށް ރޭ ވަނީ ވާރޭ ވެހިފައެވެ. އެގޮތުން މާލެއާ ހުޅުމާލެއަށް ރޭ އަށް މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވާރޭ ނުވެހޭތާ ގިނަ ދުވަސްވުމާއެކު އިއްޔެ މެންދުރު ނަމާދަށް ފަހު ވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދުކޮށްފައެވެ. އިސްތިސްގާ ނަމާދަށް ފަހު މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވިލާ ފެނިފައިވެއެވެ. އަދި އެ ނަމާދުކުރަމުން ދިޔަ ވަގުތުގައިވެސް މާލެއަށް ތުނިކޮށް ވާރޭ ވެހިފައިވެއެވެ.