ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުންއޮތް ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ވެރިރަށް ކަރާޗީއިން 5 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފިއެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް މި 5 މީހުން ގެންގޮސްފައިވަނީ ކަރާޗީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ ލިބުނު ޖާސޫސީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ޕާކިސްތާނު ފުލުހުންގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ އޮފިޝަލު ވިދާޅުވީ، 5 މީހުން ފިލާތިބި ސަރަހައްދުން، ޖިހާދަށް ހިތްވަރުދޭ ލިޔެކިއުންތަކާ، ހަތިޔާރާ، އަތުބޮމާ ވަޒަން ފެނިފައިވާކަމަށެވެ. ހައްޔަރުކޮށްފައިވާ މީހުންނަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޖިހާދަށް ހިތްވަރުދީ، އެކަމުގެ ތެރެއަށް އެހެން މީހުން ރެކްރޫޓުކޮށް އައިސިސްއާއި މީހުން ގުޅުވާދިނުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއް ކަމަށްވެސް ޕާކިސްތާނުގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އައިސިސްއިން ޕާކިސްތާނުގައި ހަރަކާތްތެރިވާކަމަށް ކުރާ ތުހުމަތުތަކަށް ޕާކިސްތާނުގެ ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ.

ކަންމިހެންއޮތްއިރު، ޕާކިސްތާނަކީ ޓެރަރިސްޓުންނަށް ރައްކާތެރި ކިއްލާއެއްކަމަށް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ދަނީ ސިފަކުރަމުންނެވެ. ނަމަވެސް ޕާކިސްތާނުން ވަނީ، ޓެރަރިޒަމްއާއި ދެކޮޅަށް އެގައުމުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާ، ޕާކިސްތާނުގެ ފަސްގަނޑުގައި ޓެރަރިޒަމަށް ފުރުސަތު ނެތްކަމަށް ވަކާލާތުކޮށްފައެވެ.