2019 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މިންވަރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 300 ޕަސެންޓް އިތުރު ވެފައި ވާކަމަށް އދއިން އިންޒާރުކޮށްފިއެވެ.

ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދަނީ، އެކިއެކި ގަބޫލުކުރުންތަކާ ހެދި ވެކްސިން ޖެހުމަށް އިންކާރު ކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުން ކަން ފާހަގަކޮށް، ކަމާ ބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިމަބިއްސަކީ ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ، އެހެންނަމަވެސް އެންމެ 2 ޑޯޒް ވެކްސިންގެ އެހީގައި އެ ބަލިން ދިފާއުކޮށްދޭ ބައްޔަކެވެ. ކަން މިހެން އޮތްއިރު، ވެކްސިން ނުޖަހާ މީހުންގެ އަދަދު، ކަންބޮޑުވާދަރަޖައަށް އިތުރުވަމުން އަންނަކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ހުސްވި މަހު ވަނީ ފާހަގަކޮށްފައެވެ.

އދއިން އާންމުކޮށްފައިވާ ބަޔާން ބުނާ ގޮތުގައި، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހިމަބިހީގެ ބަލިމަޑުކަން ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ހިމަބިހިޖެހިގެން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރަނީ ބަލިޖެހޭ މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން 1 ކަމުން، މި ބަލިމަޑު ކަމުގެ ހަގީގީ ތަސްވީރު އަދި މާ ނުރައްކާ ކަން އދއިން ފާހަގަކުރެއެވެ.

ހިމަބިއްސަކީ ވައިގެ ތެރެއިންވެސް ގައިންގަޔަށް އަރާ ބައްޔެކެވެ. ހިމަބިހީގެ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާ ކެއްސުމުގެ އިތުރުން ހަމުގައި ބިހިގަނޑުގަނޑު ނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. މިގޮތަށް ނަގާ ބިހިގަނޑުތަކަކީ ބައެއް ހާލަތްތަތަކުގައި ފުރާނައަށް ވަރަށް ނުރައްކާތެރި ބިހިގަނޑު ތަކަކަށް ވެސް ވެދެއެވެ.

ދީނީ އަދި ސައިންޓިފިކް ބައެއް ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ ބައެއް ފަރާތްތަކުން އެ މީހުންގެ ޅަ ދަރިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރަމުންދާއިރު، ވެކްސިން ޖެހުމަކީ ލާޒިމުކަމެއް ކަމުގައި ހެދުމަށް ގޮވާލާ ބައިނަލްއަގުވާމީ ހަރަކާތެއް ވަނީ ފަށާފައެވެ.