ޖަލުތަކުން މީހުން މިނިވަން ވެގެން ދިޔުމުމުގައި ކޮރަޕްޝަނަށް މަގުފަހި ވާ ކަހަލަ ކަންތައްތަކެއް ހިނގާފައި ހުރި ކަމަށް، ޕްރިޒަންސް އޮޑިޓް ކަމިޝަނުން މި އަދު ބުނެފިއެވެ.

ރާއްޖޭގެ ޖަލު ތަކުގެ ހާލު ދެނެގަތުމަށް، ޕްރިޒަންސް އޮޑިޓް ކޮމިޝަން އިން ތައްޔާރު ކުރި ޖަލުތަކުގެ ހާލަތު ހުރި ގޮތުގެ ރިޕޯޓު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަތްޕުޅަށް މިއަދު ވަނީ އަރުވާފައެވެ. މިކަމަށްޓަކާ މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކަމިޝަންގެ ފަރާތުން ބުނެފައިވަނީ، ޖަލުތަކުން ދެވޭ ބައެއް ކަހަލަ ހިދުމަތްތައް ދިނުމުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ހުރިކަމަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.

ޕްރިޒަންސް އޮޑިޓް ކަމިޝަނުން ބުނީ ޖަލު ތަކުގައި ކުރާ އަނިޔާގެ ބައެއް މައްސަލަތައް އޮޑިޓް ކުރި އިރު ފާހަގަ ވެފައި ވާކަމަށެވެ. އެ ކަމިޝަނުން ބުނީ، ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި އެ މައްސަލަތައް އިތުރަށް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ހުށައަޅާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުންނަ މާލޭ ޖަލުގައި ބަންދުކޮށްފައި ތިބޭ ބިދޭސީންނާ މެދު މިހާރު އަމަލު ކުރެވެމުން ދާ ގޮތާ މެދު ގާނޫނީ ސުވާލު ތަކެއް އުފެދިފައިވާކަމަށް އޮޑިޓް ކަމިޝަނުން މިއަދު ބުނެފައި ވެއެވެ. އަދި ޖަލުތަކުގައި ބަންދު ކުރެވިފައިތިބި ބިދޭސީންނާ މެދު ތަފާތު ކުރުން ތަކެއް ގެންގުޅެމުން ދާކަން ވެސް އޮޑިޓް ކަމިޝަނުން ފާހަގަ ކޮށްފައިވެއެވެ. އެހެން ކަމުން، ބިދޭސީންގެ ބަންދާ މެދު ގޮތް ނިންމުމުގައި ގާނޫނު އަސާސީން އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ކަށަވަރު ކޮށްދިނުމަށާއި، ބިދޭސީންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް ހުށައެޅުންތަކެއް ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ހިމަނާފައި ވާނެ ކަމަށް ވެސް އެ ކަމިޝަނުން ބުނެއެވެ.

ޖަލުތަކުގެ ހާލަތު ދެނެގަތުމަށް، އެތަންތަން އޮޑިޓް ކުރުމަކީ މިހާރުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.