19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ތުޅާދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަ ތަހުގީގު ކުރުމަށް ޕޮލިހަށް ހުށަހަޅައިފިއެވެ.

އިންތިހާބު ބާތިލް ކުރުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅޭކަމަށް ބުނެ މިއަދު އެމްޑީޕީގެ ފަރާތުން އެދުނީ ތުޅާދޫ ދާއިރާގެ އިންތިހާބީ މެންބަރު ހިސާން ހުސެއިންގެ ކެމްޕޭން އެޖެންޓް މުހައްމަދު އާދިލެވެ.

ތުޅާދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ދެ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި އޯޑިއޯގައި ވާހަކަދައްކާފައި ވަނީ ތުޅާދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމާއި ބެހޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފަރާތުން ވަކީލަކާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވެއެވެ. އެ މައްސަލައިގައި ވަކީލު ހަމައެކަނި ކުރަން ޖެހޭ ކަމަކީ ސުޕްރީމް ކޯޓަށް ދިއުން ކަމަށާއި ބޭނުންވާ ގޮތަށް މައްސަލަ ނިމެނޭ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ދޭހަވާ ގޮތަށް އޯޑިއޯގައި ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް އިއްޔެ ވިދާޅުވެފައިވާ ގޮތުން، އިންތިހާބުގެ ނަތީޖާ ބާތިލްކުރާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނުދެއްކޭނެއެވެ.