ހިޔާނާތާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތުގައި ބެދިފައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހޯމަ ދުވަހު ކޯޓަށް ހާޒިރުކޮށްފިއެވެ.

މިއީ މެލޭޝިއާގެ ތަރައްގީއަށް ނަޖީބު ވެރިކަމުގައި އެކުލަވާލި މިނިވަން ފަންޑެއް ކަމަށް 1 މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑް (1އެމްޑީބީ)ގެ ފައިސާއަށް ނަޖީބު ހިޔާނާތްތެރިވެ ވަޑައިގެންފައި ވާކަމަށް ބުނެ ނަޖީބާ ދެކޮޅަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ހިންގާ ޝާރީއަތުގެ 2 ވަނަ ދުވަހެވެ.

ނަޖީބާ، ނަޖީބުގެ އަރިސް ބައެއް ބޭފުޅުން 1އެމްޑީބީ ފަންޑުން އެތައް ބިލިއަން ޑޮލަރެއްގައި ޖެހިވަޑައިގެން އަމިއްލަފުޅު ކަންކަމަށް ޚަރަދު ކުރައްވާފައި ވާއިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން މެލޭޝިއާގައި ކުރިއަށް ގެންދިޔަ ތާރީހީ އިންތިހާބުގައި، އެގައުމުގެ 60 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަން ވައްޓާލުމަށް އާންމުން ވޯޓުދިން އެންމެ ބޮޑު ސަބަބުވެސްމެއެވެ.

ނަޖީބާ ދެކޮޅަށް މިހާރު ކުރިއަށްދާ ޝަރިއަތަކީ 1އެމްޑީބީ ފަންޑުގެ ބައެއް ކަމަށްވާ އެސް.އާރް.ސީ އިންޓަނޭޝަނަލްއާއި ގުޅުންހުރި 10.3 މިލިއަން ޑޮލަރުގެ ހިޔާނަތުގެ މައްސަލައިގެ ޝަރިއަތެވެ. މިއީ ނަޖީބު ހިޔާނާތްތެރިވެވަޑައިގެންފައިވާ ޖުމުލަ ފައިސާގެ 4 ބައިކުޅަ 1 ބައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގާތްގަނޑަކަށް 10 އަހަރު ދުވަސްވަންދެން މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރެއްވި ނަމަވެސް، ނަޖީބާ ދެކޮޅަށް ހިންގާ ޝަރިޔަތުގައި ނަޖީބަށް ލިބިވަޑައިގަންނަވާނެ ވަކި ހާއްސަ އިމްތިޔާޒުތަކެއް ނޯންނާނެ ކަމަށާ، ނަޖީބަކީ ގާނޫނަށްވުރެ މަތީގައި ހުންނެވި ބޭފުޅެއް ނޫންކަމަށް ބަންޑާރަ ނައިބު ޓޮމީ ޓޯމަސް ވަނީ ވިދާޅުވެފައެވެ.

ނަޖީބާ ދެކޮޅަށް ޝަރިޔަތް ކުރިއަށް ދަނީ މެލޭޝިއާގެ ހައިކޯޓުގައެވެ.