ނިއުޕޯޓް ވިއުއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދީފައިވާ ރެސްޓޯރެންޓް ހިންގުމުގެ ހުއްދަ ބާތިލް ނުކުރާކަމަށް އެ މިނިސްޓަރީން ބުނެފިއެވެ.


އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނިއުޕޯޓަށް ދީފައިވާ ހުއްދަ ބާތިލްކޮށް އަލުން ހުއްދަ ދޫކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވަމުންދާ ކަމަށާއި އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމާ އިންވެގެން ހަދާފައި ހުރި 'ނިއުޕޯޓް ވިއު' ރެސްޓޯރެންޓް 30 ދުވަސް ތެރޭ ހުސްކުރުމަށް ސަރުކާރުން އަންގައިފައިވީ ނަމަވެސް، އެ މުއްދަތު ހަމަވިއިރު ވެސް އެތަން ހުސްނުކޮށް ވިޔަފާރި ކުރަމުން ދާތީ އެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ވަރަށް ގަދައަށް ދެކެމުންނެވެ. މިދިޔަ މާޗް މަހު 10 ވަނަ ދުވަހު ނިއުޕޯޓް ވިއު ހިންގަމުންދާ ސްޓްރާޑާ ކުންފުންޏަށް އެ ތަން ހުސްކުރަން ޕްލޭނިން މިނިސްޓްރީން ނޯޓިސް ދީފައިވެއެވެ.


ނިއުޕޯޓް ވިއު 30 ދުވަސް ތެރޭ ހުސްކުރަން އަންގާފައި ވަނީ ތިންމަސް ވަންދެން ތަނުގެ ކުލި ނުދެއްކުމާއި ގުޅިގެންނެވެ. އެ ރެސްޓޯރެންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަދާ، އެތަން ކުއްޔަށް ދީފައި ވަނީ އަށް އަހަރު ދުވަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން ތަނުގެ ކުލި ނުދައްކާތާ އެއްމަސް ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެންގިދާނެއެވެ.


ސްޓްރާޑާ އިން އެ ސަރަހައްދު ކުއްޔަށް ދޫކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރީ، އޭރު ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލް މެންބަރެއްގެ ގޮތުގައިވެސް ހުރި ޒާހިދު ރަމީޒެވެ. ނަމަވެސް ވެރިކަން ބަދަލުވުމުން ޒާހިދު ވަނީ ކުންފުނި ހިންގުމާ ދުރުވެ އޭނާގެ އަންހެނުންގެ ނަމަށް ކުންފުނި ބަދަލު ކޮށްފައެވެ.