ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް އަތުލުމަށްޓަކައި ޣައްދާރުވި ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރުގެ ކޮމާންޑަރު ކަމުގެ ދަށުން ލީބިއާގައި ފެށި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 120 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

ތުރުބާލުސްގެ ކޮންޓްރޯލް އަތުލުމަށް ޖެނެރަލް ހަފުތާރުގެ އިރުމަތީ އަސްކަރީ ބާރުތަކުން އޭޕްރީލް 4 ވަނަ ދުވަހު ވަރުގަދަ އޮޕަރޭޝަނެއް ފެށިފަހުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިގެން ރިޕޯޓްކޮށްފައި ވާކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.

ޑަބްލިއު.އެޗް.އޯއިން މިހާރުވެސް ދަނީ ލީބިއާއަށް ބޭނުންވާ ސިއްހީ ބޭސްފަރުވާގެ އާލާތްތަކާ، ސިއްހީ ހިދުމަތްތެރިންނާ އެހީތެރިން ލީބިއާއަށް ފޮނުވާ، ހަރަކާތްތެރި ކުރުވަމުންނެވެ.

ދާހިލީ ހަނގުރާމައެއްގެ ދަރަޖައަށް ލީބިއާގައި ހަމަނުޖެހުންތައް ހިންގަމުން ދާއިރު، ވައިގެ މަގުންވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ބަދަލުކުރަން ފަށާފައެވެ.

މިދަނޑުވަޅުގައި ޖެނެރަލް ހަފުތާރު ވަނީ، މިސްރުގެ ރައީސް އަބްދުލް ފައްތާޙު އަލްސީސީއާއި ބައްދަލު ކުރައްވާފައެވެ. މިސްރުގެ ވެރިރަށް ޤާހިރާގައި ކުރިއަށްދިޔަ މިބައްދަލުވުމާ ބެހޭ މާ ބޮޑު ތަފްސީލެއް މީޑިއާއަށް އަދި ތިލަވެފައެއް ނުވެއެވެ. ނަމަވެސް ލީބިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މިސްރުން އެއްބާރުލުން ދޭނެކަމަށް ސީސީ ވިދާޅުވި ކަމަށް ޚަބަރު ލިބެއެވެ.

އޭނާއަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅު ލީޑަރެއް ކަމުގައި އަމިއްލައަށް ބުނަމުންދާ ޖެނެރަލް ހަފުތާރަކީ، ލީބިއާގެ އާ "ގައްޒާފީ" ކަމަށް ބައިނަލްއަގުވާމީ މުޖުތަމައު ދަނީ ސިފަކުރަމުންނެވެ.

ލީބިއާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 15000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވާކަމަށް، އިންސާނީ އެހީއާއި ބެހޭ އދގެ އިދާރާގެ ރެކޯޑްތަކުން ދައްކައެވެ.