ވިކިލީކްސްގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ޖޫލިއަން އަސާންޖު، އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީ ބޭނުންކޮށްފައި ވަނީ ޖާސޫސުކޮށް، ފާރަލުމުގެ މަރުކަޒެއްގެ ގޮތުގައި ކަމަށް 2012 ވަނަ އަހަރުން ފެށިގެން އަސާންޖަށް ޑިޕްލޮމެޓިކް ހިމާޔަތް ދެމުން ދިޔަ އިކުއެޑޯގެ ރައީސް ލެނިން މޮރީނޯ ވިދާޅުވެއްޖެއެވެ.

އަސާންޖުގެ އުޅުން ހުރި ގޮތުން ކަމަށް ބުނެ، ޑިޕްލޮމެޓިކް ހިމާޔަތް ދިނުން ހުއްޓާލާ، އިނގިރޭސިވިލާތުގެ ފުލުހުންނާ އިކުއެޑޯއިން އަސާންޖު ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަސާންޖަށް ދެމުންދިޔަ ޑިޕްލޮމެޓިކް ހިމާޔަތް ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން މޮރީނޯ ވިދާޅުވީ، މިކަން ކުރުމަށް އެއްވެސް ގައުމެއްގެ ނުފޫޒުގައި ޖެހިފައި ނުވާނެ ކަމަށެވެ.

"ގާޑިއަން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މޮރީނޯ އިތުރަށް ވިދާޅުވީ، އެހެން ގައުމުތަކާ ދައުލަތްތަކުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ބޭނުންވާ އާލާތްތައް، އިކުއެޑޯގެ އެމްބަސީ ތެރޭގައި އަސާންޖަށް ހަމަޖައްސާދީފައި ވަނީ އިކުއެޑޯގެ ކުރީގެ ސަރުކާރުން ކަމަށެވެ.

2017 ވަނަ އަހަރު އިކުއެޑޯގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޮރީނޯ ވިދާޅުވީ، އިކުއެޑޯއަކީ ގައުމުތަކުގެ ސިޔާސީ ކަންކަމަށް އިހުތިރާމުކުރާ ގައުމެއް ކަމަށާ، އެގައުމުގެ އެމްބަސީއަކީ ޖާސޫސީ ކިއްލާއެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގެ ހިމާޔަތަށް އަސާންޖު ދިޔައީ، ރޭޕްގެ މައްސަލައަކާ ގުޅިގެން ސްވީޑަންއިން އޭނާ ހޯދަން މަސައްކަތްކުރުމުން އެކަމާ ދެކޮޅަށް އޭނާ ހުށަހެޅި މައްސަލާގައި ކުރި ނުލިބުމުގެ ސަބަބުންނެވެ. އިކުއެޑޯ އެމްބަސީއަށް ވަދެ އެ ގައުމުގެ ހިމާޔަތް އަސާންޖު ހޯދާފައިވަނީ، ކަފާލާތުގެ ގާނޫނާ ހިލާފުވުމަށް ފަހުގައި ކަމަށްވާއިރު، މިމައްސަލާގައި 12 މަސްދުވަސް ޖަލުގައި ހޭދަކުރުމަށް، އުމުރުން 47 އަހަރުގެ އަސާންޖަށް މަޖުބޫރުވާނެއެވެ. ރޭޕްގެ މައްސަލާގައި އަސާންޖާ ދެކޮޅަށް ސްވީޑަންގައި ކުރި ދައުވާ މިހާރު އަނބުރާ ގެންގޮސްފައި ވީ ނަމަވެސް، އަސާންޖަކީ އަފްޣާނިސްތާނާ އިރާގު ހަނގުރާމައާއި ގުޅުންހުރި ލިޔެކިއުންތަކެއް ލީކުކޮށްލި މައްސަލާގައި އެމެރިކާއިންވެސް ހޯދަމުންދާ މީހެކެވެ.

އަސާންޖު މިވަގު ހުރީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.