އަސްކަރީ ބަޣާވާތަކުން ވައްޓާލާފައިވާ ސޫދާންގެ ސަރުކާރުގައި އިސް އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރެއްވި ގިނަ އޮފިޝަލުންތަކެއް ހައްޔަރުކޮށްފައި ވާކަމަށް ޚަބަރު ލިބިއްޖެއެވެ.
1989 ވަނަ އަހަރުން ފެށިގެން ސޫދާންގައި ރައީސްކަން ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރުގެ ވެރިކަން މިދިޔަ ބުރާސްފަތި ދުވަހު ވައްޓާލުމަށްފަހު އެގައުމުގެ "ލީޑާޝިޕު"ގައި މިވަގުތު އޮތް ވަގުތީ އަސްކަރީ ކައުންސިލުން ވަނީ ކުރީ ސަރުކާރުގެ މެމްބަރުން ހައްޔަރު ކުރާނެ ކަމަށާ، ސޫދާންގެ މަގުތަކުގައި މުޒާހަރާ ކުރަމުންދާ މީހުން ނުހުއްޓުވާނެކަމަށް ވައުދުވެފައެވެ.
ވަގުތީ އަސްކަރީ ކައުންސިލްގެ ތަރުޖަމާނުވަނީ، ސޫދާންގެ ބޮޑުވަޒީރު ކަމަށް އިދިކޮޅު ފަރާތްތަކުން ނަމެއް ހުށަހެޅުމަށާ، އިދިކޮޅު ފަރާތްތަކުގެ ނިންމުމަށް އެ ކައުންސިލުން އިހުތިރާމް ކުރާނެ ކަމަށް ބުނެފައެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތަކުން ފެށިގެން ސޫދާންގައި އަސްކަރީ ވެރިކަމެއް ކުރަމުން އަންނައިރު، އެގައުމުގައި ދެން އިންތިހާބެއް އެންމެ އަވަހަށްވެސް ބާއްވާނީ 2 އަހަރެއްހާ ދުވަސް ފަހުން ކަމަށް އަސްކަރިއްޔާއިންވަނީ ބުނެފައެވެ. އަދި 3 މަސްދުވަހަށް ގައުމީ ކުށްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާންކޮށްފައެވެ.
ކަންމިހެން އޮތްނަމަވެސް، ސޫދާންގެ މަގުތަކުގައި މުޒާހަރާކުރަމުންދާ މީހުންގެ އަދަދަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އުމަރު އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ، މުޒާހަރާ ކުރަމުންދިޔަ މީހުން މިހާރު ގޮވާލަމުންދަނީ އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، އެ ގައުމުގައި މަދަނީ ވެރިކަމެއް ފެށުމަށެވެ.
އެގޮތުން ސޫދާންގެ ވެރިރަށް ޚާރުތޫމްގައި ހުންނަ އެގައުމުގެ ދިފާއީ ވުޒާރާގެ ކުރިމަތީގައި ގިނަ ބަޔަކު ދަނީ އިށީނދެ ތިބެ ދިގުދެމިގެންދާ އިހުތިޖާޖެއް ކުރަމުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.
މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބަޝީރު މިވަގުތު ހުންނެވި ތަނަކާ ބެހޭ ކަށަވަރު މައުލޫމާތެއް އަދި މިހާތަނަކަށް ލިބިފައެއް ނުވެއެވެ. ބަޝީރު ހައްޔަރު ކުރެވިފައިވާކަމަށް ބުރާސްފަތި ދުވަހު އަޑު ފެތުރުނުއިރު، އެތަނަކީ ރައްކާތެރި ތަނެއް ކަމަށްވެސް ބުނަމުންދިޔަ އަޑު މީޑިއާއިންވަނީ އިވިފައެވެ. އުމަރު އަލް ބަޝީރަކީ، ދާރުފޫރުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުންވެސް ހޯދަން ބޭނުންވެފައިވާ ފަރާތެކެވެ.