އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީއާއި އެޕާޓީއަށް އެއްބާރުލުންދޭ ސިޔާސީ ފަރާތްތަކަށް ވަރުގަދަ އަދަބެއް ދިނުމަށް އިންޑިއާގެ ރައްޔިތުންގެ ކިބައިން އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އެދިވަޑައިގެންފިއެވެ.
ކަރުނާޓަކާ ސްޓޭޓްގެ ވެރިރަށް ބެންގަލޫރުގައި ކުރިއަށްދިޔަ ބީޖޭޕީގެ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން މޯދީ ވަނީ، ޖައްމުއާއި ކަޝްމީރުގެ މައްސަލައިގެ އިތުރުން އިންޑިއާގެ ގައުމީ ސަލާމަތާ ގުޅުންހުރި ގިނަ މައްސަލަތަކަކާ ގުޅިގެން ކޮންގްރެސްއަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.
ބީޖޭޕީގެ 60 މަސްދުވަސްވީ ވެރިކަމުގައި ރައްޔިތުންނަށް ދަސްކޮށްދީފައިވާނީ ވިޔަފާރި ކުރަން ކަމަށާ، ނަމަވެސް ކޮންގްރެސްގެ 60 އަހަރުވީ ވެރިކަމުގެ ދުވަސްވަރު އެ ޕާޓީއިން ހިތްވަރު ދީފައިވަނީ ލޫޓުވުމަށް ކަމަށްވެސް މޯދީ ވަނީ ސިފަކުރައްވާފައެވެ.
އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް އިންޑިއާގެ ޓެކްސް ޑިޕާޓްމަންޓްއިން ވަނީ ބެންގަލޫރުގައި ވަރުގަދަ ރެއިޑެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ ފުރަތަމަ މަރުހަލާގެ ވޯޓުލުން އޭޕްރިލް 11 ވަނަ ދުވަހު ކުރިއަށް ގެންދިޔައިރު 2 ވަނަ މަރުހަލާގެ ވޯޓުލުން ތާވަލުކޮށްފައިވަނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހަށެވެ. 7 މަރުހަލާގެ ވޯޓުލުން ނިންމާ، ނަތީޖާ އިއުލާން ކުރާނީ އަން މެއި މަހުގެ 23 ވަނަ ދުވަހު ކަމަށް ވަނީ ހަމަޖައްސާފައެވެ.