ޓެރަރިޒަމްއާއި ދެކޮޅަށް އެގައުމުން ތެދުވާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވި ވިދާޅުވުމަކީ، ޓެރަރިޒަމްއާއި ދެކޮޅަށް ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަށް ގެނައި ބަދަލެއް ނޫންކަމަށާ، އެއީ ޓެރަރިޒަމްއަށް ހިތްވަރު ދޭ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި އެ ގައުމު ބްލެކްލިސްޓުކޮށްފާނެ ކަމުގެ ބިރަށް ވިދާޅުވި ވާހަކަފުޅުތަކެއް ކަމަށް، ޕާކިސްތާނުން އެމެރިކާއަށް ކުރިން ކަނޑައަޅާފައި ހުންނެވި މަންދޫބު ހުސައިން ހައްގާނީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފެބުރުވަރީ މަހު ޕުލްވާމާއަށް ދިން ހަމަލާއާއި ގުޅިގެން ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ޕާކިސްތާނަށް އަމާޒުކޮށް، ބައިނަލްއަގުވާމީ ފެންވަރެއްގައި ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު މިދިޔަ މަހު ވަނީ، ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުމަށް ޕާކިސްތާނުގެ ބިމުގެ ބޭނުން ކުރުމަށް ޓެރަރިސްޓުންނަށް ޕާކިސްތާނުގެ ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕާކިސްތާނުގެ ފަސްގަނޑުގައި އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އިމްރާން ވަނީ ވައުދުވެވަޑައިގެންފައެވެ.

ވޮޝިންގްޓަންގައި ކުރެއްވި ތަގުރީރެއްގައި ހައްގާނީ ވިދާޅުވީ، ޕާކިސްތާނުގެ ފަސްގަނޑުގައި ޓެރަރިސްޓުން ހޯދާފައިވާ އުމްރާނީ ކުރިއެރުންތައް ނައްތާލުމަށްވެސް އިމްރާން ހާންގެ ސަރުކާރުން ނުވަތަ އަސްކަރިއްޔާއިން މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ކަޝްމީރުގެ ޕުލްވާމާގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީ، އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުން މަރާލާފައި ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝީ މުޙައްމަދަށް ނިސްބަތްވާ މީހެއް ކަމަށް ބުނެއެވެ. ކަންމިހެން އޮތްނަމަވެސް ޖާއިޝީ މުޙައްމަދު ޖަމާއަތާ އެ ޖަމާއަތުގެ ލީޑަރާ ދެކޮޅަށް ޕާކިސްތާނުން އަދިވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ހައްގާނީ ވަނީ ފާހަގަކުރައްވާފައެވެ.

ގިނަ ފޮތްތަކެއްވެސް ލިޔުއްވާފައިވާ ހައްގާނީ މިހާރު ހުންނެވީ ހަޑްސަން އިންސްޓިޓިއުޓްގެ ޑައިރެކްޓާ ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ މަގާމުގައިއެވެ.