ފަލަސްޠީނުގެ އާ ބޮޑުވަޒީރު މުޙައްމަދު އަލް ޝަތިއްޔާގެ ދަށުން އެކުލަވާލި 22 މެމްބަރުންގެ ވަޒީރުންގެ މަޖިލީސް، ވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްވަނީ ފަލަސްޠީނުގެ އާ ސަރުކާރު ގަބޫލުފުޅު ކުރައްވާފައެވެ.

ކަން މިހެން އޮތްއިރު ފަލަސްޠީނުގެ ސަރުކާރާ ދެކޮޅު ހަމާސް ޖަމާއަތުން ވަނީ ޝަތިއްޔާގެ ބޮޑުވަޒީރު ކަމާ ޝަތިއްޔާގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލި އާ ސަރުކާރު ބަލައިގަތުމަށް އިންކާރުކޮށްފައެވެ.

ފަލަސްޠީނުގައި އާ ސަރުކާރެއް އެކުލަވާލާފައި މިވަނީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރާމީ ޙަމްދުﷲ، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މަގާމު ދޫކޮށްލެއްވުމާ ގުޅިގެންނެވެ. ރާމީ ޙަމްދުﷲ ބޮޑުވަޒީރުކަން ދޫކޮށްލެއްވީ، ފަލަސްޠީނުގެ ވެރިކަން ކުރަމުން އަންނަ ފަތަހަ ޖަމާއަތާ، ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ސުލްހަ ގާއިމުކުރުން ފެއިލްވުމާ ގުޅިގެންނެވެ.

ފަލަސްޠީނުގައި އެކުލަވާލި އާ ސަރުކާރުގައި މުޅިންވެސް ހިމެނިވަޑައިގަންނަވަނީ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ފެކްޝަންތައް، ވަކީން ހާއްސަކޮށް ފަތަހަ ޖަމާއަތަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ. އަދި ކުރީގެ ސަރުކާރުގައި ހިމެނިވަޑައިގަންނެވި 5 ވަޒީރަކަށް މިފަހަރުވެސް ވަނީ ވަޒީރުކަން ދެއްވާފައެވެ. އޭގެ ތެރޭގައި، ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ، މާލީ ވަޒީރު ޝުކްރީ ބިޝާރާ، އަދި ފަތުރުވެރިކަމާ ބެހޭ ވަޒީރު ރުލާ މާޔާ ފާހަގަކޮށްލެވެއެވެ.

22 މެމްބަރުންގެ މައްޗަށް އެކުލެވިގެންދާ ފަލަސްޠީނުގެ އާ ވަޒީރުންގެ މަޖިލީހަށް 17 ބޭފުޅަކު އައްޔަން ކުރެވިފައިވަނީ މުޅިން އަލަށެވެ. 22 މެމްބަރުންގެ މަޖިލީހުގައި އަންހެން 3 ވަޒީރަކުވެސް ހިމެނިވަޑައިގަންނަވައެވެ.

ފަލަސްޠީނަށް ބޭނުންވާ ބައިނަލްއަގުވާމީ އެހީގެ ބޮޑުބައެއް އެމެރިކާއިން ކަނޑާލާފައި އޮތުމާ، ފަލަސްޠީން ސަރުކާރުގެ ނަމުގައި އިސްރާއީލުން ނަގަމުންދާ ޓެކްސް ފައިސާ ހިފަހައްޓާފައި އޮތުމުގެ ސަބަބުން މާލީ ބޮޑެތި މައްސަލަތަކެއް ފަލަސްޠީނަށް ކުރިމަތިވެފައި ވާއިރު، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގައިދީންނާ ގުޅުންހުރި މައްސަލަތަކަކީ ފަލަސްޠީނުގެ އާ ސަރުކާރުން ކުރިމަތިލާންޖެހޭނެ، އެހެންނަމަވެސް ތަކުލީފު ބޮޑު މައްސަލަތަކެއް ކަމަށް ފަލަސްޠީނުގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުން ބުނެއެވެ.