އޭނާގެ އަޑަކީ ކަނޑުވާ ލެވޭނެ އަޑެއް ނޫންކަމަށް އެމެރިކާގެ ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ މުސްލިމު މަދު މެމްބަރުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އިލްހާން އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވެ ވަޑައިގަންނަވާ އިލްހާން މިމޭމުރުން ގޮންޖައްސަވާފައި މިވަނީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހަމަލާއާއި ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ވެރިކަން ކުރާ ރިޕަބްލިކަންސް ޕާޓީގެ ގިނަ މެމްބަރުންތަކެއްގެ ފުރައްސާރަ، އިލްހާންއަށް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.
ސެޕްޓެމްބަރު 11ގެ ހަމަލާއަކީ "ބަޔަކު ކޮށްލިކަމެއް" ކަމުގައި އިލްހާން ވިދާޅުވި ވިދާޅުވުމަކީ އެ ޓެރަރިސްޓް ހަމަލާގެ ހަގީގީ ނުރައްކާތެރިކަމުގެ މިންވަރު އިންތިހާއަށް ކުޑަކޮށްލި ކޮށްލުމެއް ކަމަށް ބުނެ އިދިކޮޅު ޑިމޮކްރަޓުންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިލްހާންގެ ދިފާއުގައި ވާހަކަ ދައްކަމުންދާ ޑިމޮކްރަޓުން ބުނާ ގޮތުގައި ރިޕަބްލިކަންސްއިން ދަނީ އިލްހާންގެ ވާހަކަތައް ނުސީދާ ގޮތެއްގައި ދޭހަކޮށްދެމުންނެވެ.
އިލްހާން ދެއްކެވި ވާހަކަފުޅުތަކާ، ސެޕްޓެމްބަރު 11 ގެ ހަމަލާގެ މަންޒަރުތަކެއް އެއްކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯ މޮންޓާޖެއް ޓްރަމްޕްވެސް އާންމު ކުރައްވާފައިރު، މިއީ މުސްލިމުންނާ އިލްހާންއާއި ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް ޓްރަމްޕް ދެއްވި ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
އިލްހާންއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާގެ ބައެއް ރައްޔިތުން މިހާރުވެސް ސިފަކުރަމުން ދާއިރު، ހުސްވި ހަފުތާގައިވެސް މީހަކު ވަނީ އޭނާއަށް މަރުގެ އިންޒާރު ދީފައެވެ.
ކަންމިހެން އޮތްއިރު، އެމެރިކާގެ ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް އިންތިހާބުވި މުސްލިމު 2 އަންހެން މެމްބަރުންގެ ތެރެއިން އެކަކު ކަމަށްވާ އިލްހާންގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. އެމެރިކާގެ ސިޔާސީ މައިދާނުގައި ނަން ހިނގާ ބާނީ ސޭންޑާޒް އާއި ނޭންސީ ޕެލޯސީ އަދި ރަޝީދާ ތޯލިބާ އެލްކްޒޭންޑްރިއާ އޮކާޒިއޯ-ކޯޓޭޒް ފަދަ ބޭބޭފުޅުންވެސް ގެންދަވަނީ މިކެމްޕޭނުގައި ބައިވެރިވެވަޑައިގެން ޝުއޫރު ފާޅުކުރައްވަމުންނެވެ.
އިލްހާންއާއި އެއްކޮޅަށް ޓްވިޓާގައި ފަށާފައިވާ ކެމްޕޭނަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، ކޮންގްރެސްއަށް ކުރިމަތިލައްވާ، އިންތިހާބުވެވަޑައިގަތީ ހަނު ހުންނަވަން ނޫންކަމަށެވެ.