އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިނެސޯޓާ ތަމްސީލުކުރައްވާ މެމްބަރު އިލްހާން އުމަރަށް ވީޑިއޯ މޮންޓާޖެއް މެދުވެރިކުރައްވާ ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުސްލިމު މަދު މެމްބަރުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ އިލްހާން އުމަރަށް އަމާޒުކުރައްވާ ޓްރަމްޕް ހަމަލާ ދެއްވާފައިވަނީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހަމަލާއަކީ ކުޑަ ހަމަލާއެއްކަން ދޭހަވާ ފަދަ މޭރުމަކުން އިލްހާން އުމަރު ވާހަކަފުޅު ދައްކަވާފައިވާކަމަށް ތުހުމަތުކުރައްވާ، ދެއްވި ހަމަލާއެކެވެ.

އެމެރިކާގައި ދިރިއުޅޭ މުސްލިމުންގެ ގުޅުމާ ބެހޭ ޖަމިއްޔާ "ކެއާ"ގައި ވާހަކަފުޅު ދައްކަވަމުން އިލްހާން ވަނީ އެ ޖަމިއްޔާ އުފެދިގެން އައީ ސެޕްޓެމްބަރު 11ގެ ހަމަލާގައި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެން ތިބި މުސްލިމުންނަށް މަދަނީ ހައްގު ގެއްލިގެންދާތީ ކަމަށް ވިދާޅުވެފައެވެ.

ގިނަ ބަޔަކު ހިތްހަމަނުޖެހުނީ ސެޕްޓެމްބަރު 11 ހަމަލާއަކީ ބަޔަކުކުރި "ކަމެކޭ" އިލްހާން ވިދާޅުވި ވިދާޅުވުމަކީ ޓެރަރިޒަމްގެ އެ ބޮޑު އަމަލު ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރުން ކަމަށް ދެހާކޮށްދޭ ކަމަށް ބުނަމުންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންވެސް އިލްހާންއަށް ފާޑުވިދާޅުވެފައިވެއެވެ.