އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ބުރާސްފަތި ދުވަހު ގެންގޮސްފައިވާ ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖުގެ ގާތް މީހަކުވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.
އަސާންޖާ ގުޅުން އޮންނަ މީހާ ހައްޔަރުކޮށްފައިވަނީ އިކުއެޑޯއިން ކަމަށް އެ ގައުމުގެ ދާހިލީ ވަޒީރު މާރިއާ ރޯމޯ ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ތަހުގީގީ މަގުސަދުތަކަކަށްޓަކައި ކަމަށްވެސް މާރިއާ ވަނީ ވިދާޅުވެފައެވެ.
ކުރެއްވި ޓްވީޓެއްގައި މާރިއާ ވިދާޅުވީ އަސާންޖާ ގުޅުން އޮންނަ މީހާ އިކުއެޑޯއިން ހައްޔަރުކޮށްފައިވަނީ ޖަޕާނަށް ދަތުރުކުރަން މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. އެމީހާއަކީ އިކުއެޑޯގައި ދިރިއުޅޭތާ އަހަރުތަކެއް ވެފައިވާ މީހެއް ކަމަށާ، އެމީހާއަކީ އިކުއެޑޯގެ ހިމާޔަތުގައި، އިނގިރޭސިވިލާތުގައި އަސާންޖު ބަހައްތާފައި ހުރި އެމްބަސީއާއި ދެމެދުވެސް ގިނަ ދަތުރުތަކެއް ކުރި މީހެއް ކަމަށްވެސް މާރިއާ ވަނީ ވިދާޅުވެފައެވެ.
މީޑިއާގައި ނަން ހާމަނުކުރުމަށްއެދި ވާހަކަ ދެއްކެވި އިކުއެޑޯގެ އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ބުނާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ސްވީޑަންއަށް އުފަން ސްފޮޓްވެއާ ޑިވަލޮޕަރެއް ކަމަށްވާ އޯލާ ބިނީއެވެ.
2012 ވަނަ އަހަރުން ފެށިގެން އިކުއެޑޯގެ އެމްބަސީގައި ދިރިއުޅެމުންދިޔަ އަސާންޖަށް އިކުއެޑޯއިން ދެމުންދިޔަ ޑިޕްލޮމެޓިކް ހިމާޔަތް ހުއްޓާލުމަށްފަހު އިނގިރޭސިވިލާތުގެ ފުލުހުންނާ އޭނާ ހަވާލުކޮށްފައިވަނީ އަސާންޖުގެ އުޅުން ހުންނަ ގޮތުން ކަމަށް އިކުއެޑޯއިންވަނީ ބުނެފައެވެ.
