ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް އަތުލުމަށް އެގައުމުގެ އަސްކަރިއްޔާގައި ކުރިން ހިދުމަތްކުރި ޖެނެރަލް ޚަލީފާ ހަފުތާރުގެ ކޮމާންޑަރު ކަމުގެ ދަށުން އަސްކަރީ ހަރަކާތްތައް ފެށުމުގެ ދުވަސްކޮޅެއް ކުރިން ސައުދީ އަރަބިއްޔާއިން އޭނާއާށް ގިނަ އަދަދަކަށް ފައިސާ ދީފައިވާކަން ހާމަވެއްޖެއެވެ.

ތުރާބުލުސް ހިފުމަށް ޖެނެރަލް ހަފުތާރުގެ ކޮމާންޑަރުކަމުގެ ދަށުން ހިންގާ އޮޕަރޭޝަނަށް ބޭނުންވާ ފައިސާގެ އެހީގެ ގޮތުގައި ސައުދީއިން އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިފައިސާ ޖެނެރަލް ހަފުތާރަށް ހަދިޔާކޮށްފައިވަނީ އޭޕްރިލް 4 ވަނަ ދުވަހުގެ އޮޕަރޭޝަން ފެށުމުގެ ކުރިން އޭނާ ސައުދީއަށް ކުރި ދަތުރެއްގައި ކަމަށްވެސް ވޯލް ސްޓްރީޓް ޖާނަލްއިން ބުނެއެވެ.

ސައުދީ ސަރުކާރުގެ އިސް މުޝީރުންތަކަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ބުނާ ގޮތުގައި ޖެނެރަލް ހަފުތާރުވަނީ ސައުދީއިން ދިން ފައިސާގައި ހިފާފައެވެ. މި ފައިސާއަކީ ގަބީލާ ލީޑަރުންގެ އިހުލާސްތެރިކަން ގަތުމަށާ، އިތުރު ހަނގުރާމަވެރިން ރެކެރޫޓު ކުރުމާ އެނޫންވެސް އެފަދަ އަސްކަރީ ބޭނުންތައް ފުއްދުމަށް ސައުދީއިން ޖެނެރަލް ހަފުތާރަށް ދިން ފައިސާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އދގެ އެއްބާރުލުން ލިބިފައިވާ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ)ގެ ވެރިކަން ގަދަވެފައި އޮންނަނީ ލީބިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ކަމަށްވާއިރު، ލީބިއާގެ މައި ސަރުކާރާ ދެކޮޅަށް ނިކުމެފައިވާ ޖެނެރަލް ހަފުތާރުގެ ލީބިއަން ނޭޝަނަލް އާމީ (އެލްއެންއޭ) ބާރުގަދަކޮށްފައިވަނީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިއާގެ އިރުމަތީ ސަރަހައްދުގައެވެ. ލީބިއާގެ ހުޅަނގާ އިރުމަތީގައި އުފެދިފައިވާ ޒަމާންވީ ހަތުރުވެރިކަން ސުލްހަ ކުރުމަށް މަޝްވަރާތަކެއް ފެށުމަށް އދއިން ރާވަމުންދަނިކޮށް، ޖެނެރަލް ހަފުތާރު ސީދާ އަސްކަރީ ހަރަކާތަކަށް ނިކުމެފައިވާއިރު، އދއިން ވަނީ މިމަޝްވަރާތައް ފަސްކޮށްފައެވެ.

ލީބިއާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 75 އަށް އަރާފައިވާއިރު، ޒަހަމްވީ މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ އިތުރުން 9000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށްދިއުމަށްވެސް މަޖުބޫރުވެފައެވެ.