އަފްޣާނިސްތާނު ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރަކު ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން އިންކާރުކޮށްފިއެވެ.

މިމައްސަލަ ބަލަގައިގަތުމަށް އައިސީސީއިން އިންކާރުކޮށްފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތަހުގީގު ޓީމަށް އެއްބާރުލުން ނުލިބުމުގެ އިތުރުން ހަމަނުޖެހުންތަކެއް އުޅޭތީކަމަށް އެ ކޯޓުގެ ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

އައިސީސީގެ މިނިންމުމަކީ "ބައިނަލްއަގުވާމީ ނަސްރެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވިއުރު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިންވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިއާފައެވެ.

އަފްޣާނިސްތާނުގެ ހަނގުރާމާގައި ޖަރީމާ ހިންގާފަކަށް ބުނާ މައްސަލަ ބަލައިގަތުމަށް އައިސީސީއިން އިންކާރުކޮށްފައި މިވަނީ، އެކޯޓުގެ ޕްރޮސެކިއުޓަރެއް ކަމަށްވާ ފާތޫ ބިންސޫދާއަށް ވީސާ ދޫކުރުމަށް އެމެރިކާއިން އިންކާރުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

އައިސީސީއަކީ ޣައިރުޤާނޫނީ ކޯޓެއް ކަމަށާ، އެމެރިކާއާއި އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އެ ކޯޓުން މައްސަލަ ބަލައިފިނަމަ ވަރުގަދަ އަދި އަވަސް ރައްދެއް އެމެރިކާއިން ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

ކަންމިހެންއޮތްއިރު އެމްނެސްޓީއިން ބުނީ، އައިސީސީގެ ނިންމުމާ މެދު ހައިރާން ވާކަމަށާ، މިއީ އަނިޔާ ލިބުނު އެތައް ބަޔަކު "އެކަނިކޮށް، ދޫކޮށްލުން" ކަމަށެވެ.

އަފްޣާނިސްތާނުގެ ހަނގުރާމައާއި ގުޅުންހުރި މައްސަލަތަކެއްގެ ދިރާސާ އައިސީސީއިން ކުރަމުން އަންނަތާ މިހާރު ވަނީ 10 އަހަރެއްހާ ދުވަސް ވެފައެވެ. ނަމަވެސް ރަސްމީކޮށް ތަހުގީގު ފަށާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އަފްޣާނިސްތާނުގެ މަސްރަހު މިހާރު އޮތް ގޮތުން، ކާމިޔާބު ތަހުގީގެއް ހިންގުމުގެ ފުރުސަތު ނެތްކަމަށް އައިސީސީއިން ދަނީ ބުނަމުންނެވެ.

އައިސީސީއަކީ ގަތުލުއާންމާ، އިންސާނިއްޔަތާ ދެކޮޅު ލާއިންސާނީ އަނިޔާ ދިނުމާ، ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގެ ދައުވާ ލިބޭ ފަރާތްތަކާ ދެކޮޅަށް އެފަދަ ކަމެއް ތަހަމަލު ކުރި ގައުމުން މަސައްލަ ނުބަލައިފިނަމަ ނުވަތަ މައްސަލަ ބަލަން ފުރުސަތު ނުލިބިއްޖެ ހިނދެއްގައި، އެފަދަ ފަރާތްތަކާ ދެކޮޅަށް ތަހުގީގު ހިންގާ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބައިނަލްއަގުވާމީ ކޯޓެކެވެ.

އދގެ މުއާހަދާއެއްގެ ދަށުން 2002 ވަނަ އަހަރު އެކުލަވާލި އައިސީސީގެ މެމްބަރު ގައުމުތަކުގެ އަދަދު 123 އަށް އަރައެވެ.