ސަރުކާރާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދިޔަ ސޫދާންގެ ވެރިކަން މިދިޔަ ބުރާސްފަތި ދުވަހު ވައްޓާލި އެ ގައުމުގެ އަސްކަރީ ކައުންސިލްގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވި ދިފާއީ ވަޒީފު އަވާދު އިބުނު އައުފުވެސް އިސްތިއުފާ ދީފިއެވެ.

1989 ވަނަ އަހަރުން ފެށިގެން ސޫދާންގައި ރައީސްކަން ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރު ވެރިކަމުން ދުރުކޮށް، އަސްކަރިއްޔާގެ ބެލުމުގެ ގެންދިއުމަށްފަހު، ސޫދާންގެ އަސްކަރީ ކައުންސިލުގެ ލީޑަރަށް އެގައުމުގެ ވެރިކަމުގައި ދެމި ހުރެވުނީ ގާތްގަނޑަކަށް 1 ދުވަހުގެ މުއްދަތަކަށެވެ. އަސްކަރިއްޔާއިން ސޫދާންގެ ކޮންޓްރޯލް ނެގި ކަމުގައި ވީ ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭވެސް ސޫދާންގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ވެރިރަށް ޚާރުތޫމްގެ މަގުތަކަށް ނިކުމެ، އަސްކަރީ ކައުންސިލާ ދެކޮޅަށް އަޑުއުފުލާފައެވެ. ސޫދާންގެ ރައްޔިތުން ބުނާ ގޮތުގައި އަސްކަރީ ކައުންސިލަކީވެސް އުމަރު އަލް ބަޝީރުގެ ސަރުކާރުގެ ބައެކެވެ. އަދި ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވި ލީޑަރުންނަކީ އުމަރު އަލް ބަޝީރުގެ އަރިސް ބައެއް ކަމަށެވެ.

މަގާމުން އިސްތިއުފާދޭކަން ޓީވީ މެދުވެރިކޮށް އިއުލާންކުރަމުން އިބުނު އައުފު ވަނީ، އޭނާއަށްފަހު ސޫދާންގެ ވަގުތީ ލީޑަރެއްގެ ގޮތުގައި ހުންނާނީ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާޙު އަބްދުއްރަޙުމާން ބުރުހާންކަން ހާމަކޮށްފައެވެ.

ސޫދާންގެ އަސްކަރިއްޔާއިން ބުނީ ކުރިއަށް އޮތް 2 އަހަރު ދުވަހު އެގައުމުގައި ވެރިކަން ކުރާނީ އަސްކަރިއްޔާއިން ކަމަށާ، އިންތިހާބެއް އޮންނާނީ އޭގެ ފަހުން ކަމަށެވެ.

އުމަރު އަލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް ސޫދާންގައި ބޮޑު މުޒާހަރާ ފެށުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ ބާޒާރުގައި އާދަޔާ ހިލާފަށް ތަކެތީގެ އަގު އުފުލެމުންދިއުމާ ގުޅިގެން އެކަމާ ދެކޮޅަށެވެ. މި މުޒާހަރާތައް ހޫނުވެ، ވެރިކަން ވައްޓާލުމުގެ ރޫހަށް ބަދަލުވީއެވެ. މި މުޒާހަރާތައް ފެށިފަހުން ގާތްގަނޑަކަށް 38 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.