ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބާޔާ ރާޖަޕަކްސަ ހުކުރު ދުވަހުގެ ވަގުތެއްގައި އެނބުރި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ސްރީލަންކާއަށް އެނބުރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ކަންވެސް ކުރައްވާފައިވާ ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދެއްވުމުގެ ގޮތުން އެމެރިކާގެ ރަށްވެހިކަން ދޫކޮށްލެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު އަޅުއްވާފައިވާނެ ކަމަށެވެ.
މަހިންދާ ރާޖަޕަކްސަގެ ކެމްޕޭނު ޓީމުން އެންމެ އިސް ކެންޑިޑޭޓެއްގެ ގޮތުގައި ޕްރޮމޯޓްކުރަމުންދަނީވެސް ގޮތަބާޔާ ރާޖަޕަކްސަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސްރީލަންކާގެ ގާނޫނު ބުނާ ގޮތުން ވެރިކަމުގެ 3 ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުސަތެއް މަހިންދަ ރާޖަޕަކްސައަކަށް ނޯވެއެވެ.
ގޮތަބާޔާއަކީ ރާޖަޕަކްސަގެ ވެރިކަމުގައި ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތްތައް ރޭވުމުގެ މައިމުލުގައި ހުންނެވި އޮފިޝަލެކެވެ. ހަނގުރާމައިގެ ދުވަސްވަރު ގަސްތުގައި މީހުން މެރުމާ ލާއިންސާނީ އަނިޔާ ދިނުމުގެ ދައުވާތަކެއް ގޮތަބާޔާއާއި ދެކޮޅަށް ފެންމަތިކޮށްފައިވާއިރު، މިއީ ރިޔާސީ ރޭހުގައި ވާދަކުރައްވަން އޮތް ފުރުސަތަށް ހުރަސް އެޅުމުގެ ގޮތުން ސިޔާސީ މަގުސަދެއްގައި އުފުލާ ދައުވާތަކެއް ކަމުގައި ގޮތަބާޔާ ވަނީ ސިފަކުރައްވާފައެވެ.
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަހަރުގެ ނޮވެމްބަރު ނޫނީ ޑިސެމްބަރު މަހު ކުރިއަށްގެންދަންޖެހެއެވެ.
