ސުލްހައިގެ މަޝްވަރާތައް ކުރިއަށްދިޔަ ކަމުގައި ވީ ނަމަވެސް ކޮންމެ އަހަރެއްގެ ބަހާރު މޫސުމާ ދިމާކޮށް އެ ޖަމާއަތުން ދެމުންދާ ހަމަލާތައް މިއަހަރުވެސް ދޭނެ ކަމަށް އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދުމަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދަނޑިވަޅަކީ ތޯލިބާނުންގެ އޮފިޝަލުންނާ އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުންނާ ދެމެދު މިމަހުގެ ފަހުކޮޅު ބައްދަލުވުމެއްވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދަނޑިވަޅެކެވެ.

"ނަޞްރުގެ ފަތަހަ"ގެ ނަމަގައި ބަހާރު މޫސުމުގައި ފަށާ މި އޮޕަރޭޝަނަކީ އަފްޣާނިސްތާނުގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށްދާނެ އޮޕަރޭޝަނެއް ކަމަށް ތޯލިބާނުން ބުނެއެވެ.

ތޯލިބާނު ޖަމާއަތުން އާންމުކޮށްފައިވާ ބަޔާނެއް ބުނާ ގޮތުގައި މި އޮޕަރޭޝަނަކީ "މުސްލިމުންގެ ބިންތަކަށ ވެރިވެގެންފައިވާ ބައެއްގެ ކިބައިން އެ ބިން ސަލާމަތްކޮށް، ކޮރަޕްޝަނުން އެ ފަސްގަނޑު ތާހިރުކުރުމަށް" ހިންގާ އޮޕަރޭޝަނެކެވެ.

ކަންމިހެންއޮތްއިރު، ބަހާރު މޫސުމާ ދިމާކޮށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީގެ ސަރުކާރުންވެސް ވަނީ ތޯލިބާނުންނާ ދެކޮޅަށް "އޮޕަރޭޝަން ޚާލިދު"ގެ ނަމުގައި ހަރަކާތެއް ހިންގާނެކަން އިއުލާންކޮށްފައެވެ.

ތޯލިބާނުން ސިފަކުރާ ގޮތުގައި މިއީ އެމީހުންގެ "ދުޝްމަނު" ބޭނުންވާ މަގުސަދުތައް ހާސިލުކުރުމަށް ބާރުގެ ބޭނުންކުރާކަމަށް ހެކިދޭ ކަމެއްކަމަށެވެ. މިއާއެކު ތޯލިބާނުންވަނީ އަފްޣާނިސްތާނުގެ އަސްކަރިއްޔާއާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ދިފާއުގައި ހަނގުރާމައަށް ނިކުންނަ ފަރާތްތަކުން ތޯލިބާނު ޖަމާއަތާ ގުޅުމަށްވެސް ގޮވާލާފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ސިފަކުރާ ގޮތުގައި ބަހާރު މޫސުމާ ދިމާކޮށް ތޯލިބާނުން ހިންގާ އޮޕަރޭޝަނަކީ ނިކަމެތި ޕްރޮޕަގަންޑާއެއްކަމަށެވެ. ތޯލިބާނުން ކަނޑައަޅާފައިވާ ނުރަނގަޅު އަމާޒުތަކަށް ހަމައަށް އެ ޖަމާއަތަށް ވާސިލުނުވެވޭނެކަމަށާ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް ތޯލިބާނު ޖަމާއަތުގެ އޮޕަރޭޝަން ފެއިލްކޮށްލާނެކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.