އިންޑިއާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންކަމަށް ޖެޓް އެއާވޭޒްއިން ކުރަމުންދިޔަ ބައިނަލްއަގުވާމީ ހުރިހާ ދަތުރުތަކެއް ހުއްޓާލައިފިއެވެ.

ޖެޓް އެއާވޭޒްގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލާފައި ވާއިރު، މާލީ ގޮތުން ފުން އަނދަވަޅަކަށް ވެއްޓިފައިވާ މި އެއާލައިންގެ ދެމި އޮތުމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޖެޓް އެއާވޭޒްގެ ދަރަނި 1 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައި ވާއިރު، މުޅި ކުންފުނި ބަނގުރޫޓުވިޔަ ނުދީ ސަލާމަތް ކުރުމަށްޓަކައި ޖެޓް އެއާވޭޒްއިން ދަނީ މާލީ އެހީ ހޯދުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

ޖެޓް އެއާވޭޒްއިން ކުރަން ހަމަޖެހިފައި ހުރި ބައިނަލްއަގުވާމީ ދަތުރުތައްވެސް ކެންސަލް ކޮށްފައި ވާއިރު، ފަސެންޖަރުންގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

އިންޑިއާގެ ގަވައިދު ބުނާ ގޮތުން އެ ގައުމުގައި އޮޕަރޭޓްކުރާ ކޮންމެ އެއާލައިނަކުންވެސް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް، އެންމެ މަދުވެގެން 20 މަތިންދާބޯޓު ގެންގުޅެން ޖެހޭނެއެވެ.

ޖެޓް އެއާވޭޒްއިން ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލި އިރު، އެ އެއާލައިންއިން ދިޔައީ ބައިނަލްއަގުވާމީ 380 ރޫޓަކަށް ދަތުރުކުރަމުންނެވެ. ކެންސަލްކޮށްފައިވާ ދަތުރުތަކުގެ ތެރޭގައި ވިލާތާ އޭޝިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އިތުރުން ދިއްލީއާއި މުމްބާއީއަށް ކުރާ ދަތުރުތައްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޖެޓް އެއާވޭޒްގެ ދަތުރުތައް ހުއްޓާލުމާ ގުޅޭ ގޮތުން އެ ކުންފުނިން އަދި ރަސްމީކޮށް މީޑިއާއަށް ބަޔާނެއް އާންމުކޮށްފައެއް ނުވެއެވެ.