އިސްލާމީ ޝަރީޢާގެ ހުކުމްތައް ތަންފީޒުކުރަމުންދަނީ އަދަބު ދިނުމުގެ ނިޔަތުގައި ނޫންކަމަށާ، ނަމަވެސް ކުށާ ދުރުހެލިކޮށް ކުށްކުރުން ހުއްޓުވުމަށް ކަމަށް، ދާދިފަހުން އިސްލާމީ ޝަރީޢާއި އެއްގޮތަށް ހުކުމް ތަންފީޒުކުރަން ފެށި ބުރޫނާއީގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

ބުރޫނާއީގައި އިސްލާމީ ޝަރީޢާ ތަންފީޒުކުރަން ފެށުމާއެކު، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި ވަކާލާތު ކުރަމުންދާ ގިނަ ބަޔަކު ވަނީ ބުރޫނާއީއަށް ފިއްތުންތައް ކުރިމަތިކޮށް، ފާޑުކިއާފައެވެ.

އިސްލާމީ ޝަރީޢާގެ ހުކުމްތައް ބުރޫނާއީގައި ތަންފީޒުކުރަން ފަށާފައިވާއިރު، ރޭޕް ކުރުމާ، ކައިވެނިކޮށްގެން ހުރެ ކައިވެނިން ބޭރުން ޒިނޭ ކުރުމާ، އެއްޖިންސުން ގުޅުން ހިންގުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވާ މީހުން ރަޖަމުކޮށްގެން މަރާނެކަން ބުރޫނާއީ ވަނީ ހާމަކޮށްފައެވެ. ހަމަ މިއާއެކު، ދަރިވައްޓާލާ މީހުންގެ ގައިގައި، ޢާންމުންގެ ކުރިމަތީގައި ހައްދުޖެހުމާ، ވައްކަން ކުރާ މީހާގެ ގުނަވަންތައް ކެނޑުން ފަދަ ހުކުމްތައްވެސް ބުރޫނާއީގައި ތަންފީޒުކުރެވިގެންދާނެ ކަމަށް އެ ގައުމުން ބުނެއެވެ.

ކަންމިހެންއޮތް ނަމަވެސް، ހުކުމް ތަންފީޒުކުރާނީ ބޭނުންވާ ހުރިހާ ހެއްކެއް ލިބި، ހުރިހާ ގޮތަކުންވެސް އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުން އެކަނިކަމަށްވެސް ބުރޫނާއީއިންވަނީ ބުނެފައެވެ.

ބުރޫނާއީގައި އިސްލާމީ ޝަރީޢާ ތަންފީޒުކުރަން ފެށުމާއެކު އދއިން ކަންބޮޑުވުންފާޅުކޮށް ބުރޫނާއީއަށް ފާޑުކިއާފައިވާއިރު، ބުރޫނާއީގެ ޚާރިޖިއްޔާއިން އދއަށް ފޮނުއްވި ސިޓީއެއްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު އިރުވާން ޔޫސުފް ވިދާޅުވީ، މަގުސަދަކީ މީހުން ހޭލުންތެރިކޮށް، ކުށްތަކާ ދުރުހެލިކޮށް، ރީހެބިލިޓޭޓް ކުރުން ކަމަށެވެ. ކައިވެނިން ބޭރުން ޒިނޭކުރުމާ، އެއްޖިންސުން ގުޅުން ހިންގާ މީހުން ރަޖަމުކޮށްގެން މަރަން ނިންމީ، އާއިލީވަންތަ ހާންދާނީ ނަސްލު އޮޅިގެން ނުދާ ގޮތަށް ހިމާޔަތްކޮށް، ކައިވެނީގެ މާތް ގުޅުން، ވަކިން ހާއްސަކޮށް ކަނބަލުން ހިމާޔަތް ކުރުމުގެ މަގުސަދުގައި ކަމަށްވެސް ބުރޫނާއީގެ ޚާރިޖީ ވަޒީރު އދއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ބަޔާންކުރައްވާފައެވެ.

ބުރޫނާއީގައި ކުރާ ކުށްތަކަށް އަދަބު ދިނުމަށް ކަނޑައެޅިފައިވަނީ އިސްލާމީ ޝަރީޢާއާއި އެއްގޮތަށް އަމިއްލަ އިއުތިރާފު ނުވަތަ ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ހިންގާ ސަރިޔަތަށްފަހުގައެވެ.