1989 ވަނަ އަހަރުން ފެށިގެން ސޫދާންގައި ރައީސްކަން ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނެސް އެ ގައުމުގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރީ ކައުންސިލާ ދެކޮޅަށް ސޫދާންގެ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި މުޒާހަރާ ނުކުރެވޭ ގޮތަށް ސޫދާންގެ އަސްކަރިއްޔާއިން ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް، އެތައް ހާސް ރައްޔިތުންނެއް ބުރާސްފަތި ދުވަހުގެ ރޭވެސް ވަނީ ވެރިރަށް ޚާރުތޫމްގެ މަގުތަކުގައި ހަރަކާތްތެރިވެފައެވެ.

އުމުރަ އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނެސް، އަސްކަރިއްޔާއިން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ގައުމުގެ ވެރިކަން ނެގި ކަމުގައި ވީނަމަވެސް، އަސްކަރީ ކައުންސިލްގެ ވެރިކަމާ ސޫދާންގެ ރައްޔިތުން ދެކޮޅު ހަދަމުންދަނީ އަސްކަރިއްޔާއަކީވެސް ބަޝީރުގެ ސަރުކާރުގެ ބައެއް ކަމަށް ބުނަމުންނެވެ.

މިއާއެކު ސޫދާންގެ އާންމު ފަރުދުންނާ އަސްކަރިއްޔާއާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ސޫދާންގެ މަސްރަހުން ހަބަރުތައް ދިރާސާކުރަމުންދާ މުރާސިލުން ލަފާކުރާ ގޮތުގައި ސޫދާންގެ އަސްކަރިއްޔާއާއި ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލު ކުރުންވެސް އެކަށީގެންވެއެވެ.

ކަންމިހެންއޮތްއިރު އދއާއި އެފްރިކަން ޔޫނިއަންއިންވަނީ ސޫދާންގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލާފައެވެ.

އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލާ، ހައްޔަރު ކުރުމަށްފަހު، ސޫދާންގެ ވެރިކަމާ އެ ގައުމުގެ އަސްކަރިއްޔާއިން ހަވާލުވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ޓްރާންސިޝަނަލް ޕީރިއަޑެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގައުމުގައި ރިޔާސީ އިންތިހާބެއްގެ ވޯޓުލުން އޮންނާނީ އޭގެ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލުމާތު ލިބޭ ގޮތުގައި ސޫދާންގައި މިހާރު އޮތީ ގައުމީ ކުށްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ. ކުށްލި ނުރައްކަތުގެ ހާލަތު އިއުލާންކޮށްފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. ސުދާންގެ ގާނޫނު އަސާސީވެސް އުވާލާފައިވާއިރު، ސަރަހައްދީ އިން ހުރަސްކޮށް ސޫދާންއަށް އެތެރެވުންވެސް މިވަގުތު މަނާކޮށްފައިވާއިރު، ސޫދާންގެ ވައިގެ ސަރަހައްދުވެސް 24 ގަޑިއިރަށް ވަނީ ބަންދުކޮށްފައެވެ.