އިންޑިއާގެ ތާރީހީ އާންމު އިންތިހާބުގެ ވޯޓުލުމުގެ ފުރަތަމަ މަރުހަލާ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކެއްގައި 2 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދްރާ ޕްރަދޭޝްގެ ޗިއްތޫރު ޑިސްޓްރިކްޓްގެ ވޯޓުލާ މަރުކަޒެއްގައި ހިންގި ކުރިމަތިލުންތަކެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު މަރުވެފައިވާކަން އިންޑިއާ ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ.

މިމީހާ މަރުވެފައިވަނީ ސްޓޭޓްގެ ވެރިކަން ކުރަމުން އަންނަ ތެލޫގޫ ދިސާމް ޕާޓީ (ޓީޑީޕީ)އާއި މައި އިދިކޮޅޫ ވައި.އެސް.އާރް ކޮންގްރެސް ޕާޓީގެ މެމްބަރުންތަކެއްގެ މެދުގައި ހަމަނުޖެހުން އުފެދި، ހިންގި ތަޅާފޮޅުމެއްގައެވެ. މިހަމަނުޖެހުމުގައި އިތުރު ފިރިހެނަކުވެސް ވަރަށް ބޮޑަށް ޒަހަމްވި ކަމަށް މައުލޫމާތު ލިބެއެވެ.

ހަމަ އަންދްރާ ޕްރަދޭޝްގެ ވޯޓުލާ މަރުކަޒެއްގައި ހިންގި އެހެން ހަމަނުޖެހުމެއްގައިވެސް އެކަކު މަރުވެފައިވާއިރު، ހަމަނުޖެހުންތަކާ ގުޅިގެން 4 މީހަކު އޮތީ ކްރިޓިކަލް ހާލެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ 20 ސްޓޭޓަކީ 2 ޔޫނިއަން ޓެރަރިޓަރީއެއްގައި ބުރާސްފަތި ދުވަހު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ގަޑިން އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ. ނަމަވެސް މާއޮއިސްޓުންގެ ނުރައްކާ ބޮޑުވި ހިސާބުތަކުގެ ބައެއް މަރުކަޒުތައް މެންދުރުފަހު 03:00 ހާއިރުވެސް ބަންދުކުރި ކަމަށް މައުލޫމާތު ލިބެއެވެ.

ބުރާސްފަތި ދުވަހު މީހުން ވޯޓުލާ ނިކުތް ގޮތަށް ބަލާއިރު، އެންމެ ގިނަ މީހުން ނިކުމެފައިވަނީ ބެންގޯލް ސަރަހައްދުންނެވެ. އެސަރަހައްދުން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %80 މީހުންވަނީ ބުރާސްފަތި ދުވަހުގެ ވޯޓުގައި ބައިވެރިވެފައެވެ. އެންމެ މަދުބަޔަކު ވޯޓުލާން ނިކުމެފައިވަނީ ބިހާރު ސަރަހައްދުންނެވެ. މި ސަރަހައްދުން ވޯޓު ދީފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %50.3 ކަމަށް މައުލޫމާތު ލިބެއެވެ.

7 މަރުހަލާއަކަށް ބަހަލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބަކީ މުޅި ދުނިޔޭގައިވެސް ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތެވެ. 7 ދުވަހުގެ މަތިން ވޯޓުލުން ކުރިއަށް ގެންދާއިރު، ވޯޓުލާ އެންމެ ފަހު ތާރީހަކީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހެވެ. 900 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް ތަވާލުކޮށްފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހަށެވެ.